ޚަބަރު

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވޭ ތަންތަނުގައި ފުލުހުން ފޯރިމަރަނީ


މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވޭ ތަންތަނަށް މީހުން ވަނަ ނުދީ ހުއްޓުވުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި މިއޮޕަރޭޝަންގެ ދަށުން މިތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުންދާނެ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވެރިފަރާތަށް ޤާނޫނީ އިންޒާރު ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައެވެ. އަދި އެފަދަ 8 މައްސަލައެއް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އިތުރު 4 މައްސަލައެއްގެ ތަހްޤީގު ނިންމާ ޕީޖީއަށް ފޮނުވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވޭ ގެއެއްގެ ވެރިފަރާތުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިމަހުގެ ދެވަނަ ދުވަހުވަނީ ދަޢުވާ އުފުލާފައެވެ. މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރި ފުރަތަމަ ފަހަރެވެ. ދައުވާ ކުރުމަށް ފޮނުވާފައިވަނީ މ.ބްރައިޓްފްލަވަރ ގޭގެ ވެރިފަރާތް ކަމުގައިވާ ޙުސައިން ޔޫސުފްގެ މައްޗަށެވެ.

ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ކަމުގައެވެ.

މާލޭގެ ބައެއް ގޭގޭގައި ހިންގަމުންދިޔަ ޑްރަގުގެ ވިޔަފާރިތަކާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ މިދުޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި އޮޕަރޭޝަންގައި 23 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިތަންތަނުން 768 މީހަކު ބަލާ ފާސްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 720 ފިރިހެނުންނާއި، 37 އަންހެނުންނާއި 18 އަހަރުން ދަށުގެ 11 ކުޑަކުދިންނެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ބަލާ ފާސްކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިތަން ތަނުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާވެސް ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ އެއްޗެތިވެސް އެތަންތަނުން ފުލުހުން ހޯދިއެވެ.