ޚަބަރު

އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރުގެ ސަރަޙައްދީ އޮފީސް ކުޅުދުއްފުށީގައި


އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރުގެ ސަރަޙައްދީ އޮފީސް ކުޅުދުއްފުށީ ސިޓީގައި މިއަދު ހުޅުވައިފިއެވެ. އޮފީސް ހުޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ޖަލްސާގައި ޝަރަފްވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުލް ލަތީފެވެ.

އޮފީސް ހުޅުއްވާދެއްވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވަނީ މާލީ ކަންކަން ހަރުދަނާ ކުރުމަށް ޕަބްލިކް ފައިނޭންސް މޮނިޓަރިންގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

މި ޖަލްސާގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އުތުރުގެ ސަރަޙައްދީ އޮފީހެއް ހުޅުވުމަކީ ކުރީގެ އޮޑިޓަރ ޖެނެރަލް އަލްމަރުޙޫމް އިސްމާޢިލް ފަތުޙީ އެތަކެއް އަހަރެއް ކުރިން ދެކެވަޑައިގެންނެވި ހުވަފެން ތެދު ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.

އުތުރު ސަރަހައްދީ އޮފީސް ހުޅުވުމުން އުތުރުގެ އަތޮޅުތަކުގެ ސަރުކާރުގެ އިދާރާތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރާނީ އެ އޮފީހުންނެވެ. އަދި މިއޮފީސް ހުޅުވުމާ ގުޅިގެން މިހާރު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކުނާއި އުތުރުގައި ސަރަޙައްދީ އޮފީސް ވަނީ ގާއިމް ކުރެވިފައެވެ.