ޚަބަރު

ޠާލިބާނުންނާ ބައްދަލުކޮށް އަފްޣާނިސްތާނަށް އެހީތެރިވާނެކަމުގެ ޔަޤީންކަން އދން ދީފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޠާލިބާން ޖަމާޢަތުގެ އިސްވެރިންނާ ބައްދަލުކޮށް އެ ޤައުމަށް އެހީތެރިވުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އދގެ އިސް ވަފުދަކުން ދީފިއެވެ.

އަފްޣާނިސްތާނުގެ އިންސާނީ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އދގެ އިންސާނީ އެހީތެރިކަމާބެހޭ އިސް ވަފުދަކާ ޠާލިބާނުންގެ ދެވަނައަށް އެންމެ އިސްވެރިޔާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރުވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމަށްފަހު ޠާލިބާނުން ބުނެފައިވަނީ އަފްޣާނިސްތާނަށް ބޭނުންވާ އެހީތެރިކަން އދން ދޭނެކަމަށާއި އިތުރު އެހީތެރިކަން ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އދން ދީފައިވާކަމަށެވެ. އަދި އދގެ މަސައްކަތްތަކަށް ޠާލިބާނުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ދިނުމަށް އެއްބަސްވެފައިވާކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ.

މީގެ ކުރިން އދން ބުނެފައިވަނީ ބައިނަލްއަޤްވާމީ އެހީތެރިކަން އަވަހަށް ނުލިބިއްޖެނަމަ އަފްޣާނިސްތާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެކަމަށެވެ. އަފްޣާނިސްތާނަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް އދންވަނީ ނިންމައިފައެވެ.

އަފްޣާނިސްތާނުގެ އިންސާނީ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުންވަނީ އެ ޤައުމުގެ ގިނަ ޢަދަދެއްގެ ފައިސާ ހިފަހައްޓައިފައެވެ.