ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢާޞިފް ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހ. އިރުވައި، މުޙައްމަދު ޢާޞިފް ޢައްޔަން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މުޙައްމަދު ޢާޞިފާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، މުޙައްމަދު ޢާޞިފް، ކުރެއްވިއެވެ. މުޙައްމަދު ޢާޞިފްއަށް ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.

މުޙައްމަދު ޢާޞިފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް މުޙައްމަދު އާސިފް ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.