ކުޅިވަރު

ޖަރުމަނުވިލާތާއި އާރމީނިއާ ބައްދަލުކުރިމެޗް ޖަރުމަނުވިލާތް ކާމިޔާބުކޮށްފި


ވާރލްޑް ކަޕް ކޮލިފައިން ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޖޭ ގައި ޖަރުމަނުވިލާތާއި އާރމީނިއާ ބައްދަލުކުރިމެޗް ޖަރުމަނުވިލާތް ކާމިޔާބުކޮށްފިއެވެ. ޖަރުމަނުވިލާތުގައި ކުޅުނު މިމެޗް އެތީމް ކާމިޔާބުކުރީ 6 ލަނޑު ސުންލަނޑުންނެވެ.

ޖަރުމަނުވިލާތުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހައިދިނީ ސަރޖެ ގްނެބްރީއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީވެސް ގްނެބްރީއެވެ. ޖަރުމަނުން މިމެޗުގައި ޖެހި ތިންވަނަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި މާކޯ ރޮއިސް ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީމޯ ވަރނަރވަނީ ޖަރުމަނުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މިމެޗްގައި ޖަރުމަނުން ޖެހި ފަސް ވަނަ ލަނޑު ޔޯނަސް ހޮފްމަން 52 ވަނަ މިނެޓްގައި ޖަހައިދިން އިރު ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ޖަރުމަނަށް ފުރަތަމަ މެޗް ކުޅެދެމުންދިޔަ ކަރީމް އަޑެޔެމީއެވެ.

މިކާމިޔާބީއާއެކު ޖަރުމަނުވިލާތުން މިހާތަނަށް ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އުޅެނީ ގްރޫޕް ޖޭ އެއްވަނައިގައެވެ. އަދި އާރމީނިއާ މިވަނީ މިނާކާމިޔާބީއާއެކު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. އެޓީމަށް ލިިބިފައިވަނީ 5 މެޗުން 10 ޕޮއިންޓެވެ.