ޚަބަރު

ފޮތްތަކުގެ މައްސަލައިގައި އިޙުމާލުވި މީހުންނާމެދު ފިޔަވަޅު އަޅާނަން: މިނިސްޓަރ


ބައެއް ގްރޭޑްތަކުގައި އިސްލާމް ފޮތާއި ޤުރުޢާން ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ޕްރިންޓްވެފައިވާ މައްސަލައިގައި އިޙުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނޭކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ،އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ބައެއް ފޮތްތަކުން މައްސަލައް ފާހަގަވި ހިސާބުން އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުން، ދަރިވަރުންގެ އަތުން ފޮތްތައް ނަގާ، މައްސަލަ ހުރި ފޮތްތަކުގެ ސޫރަތްތައް ރަނގަޅުކުރުމަށް ހުރިހާ ސްކުލްތަކަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަގުތީ ޙައްލެއްގެ ގޮތުން އެ ސޫރަތްތަކުގެ ރަނގަޅު ގޮތުގެ ކޮޕީއެއް ފޮތްތަކުގައި ތަތްކުރުމަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ އިސްލާމް އަދި ޤުރުއާން ފޮތަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާ އިސްލާމިކް މިނިސްޓްރީންން ފާސްކުރުމަށްފަހު ޕްރިންޓްކޮށްފައިވާ ފޮތްތަކެއްކަމަށެވެ.

މިހާތަނަށް ބެލިބެލިމުން 4 ފޮތެއްގައި މިފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ހުރިހާ ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތައް އަލުން ރިވިއުކުރުމުގެ މަސައްކަތް، މިނިވަން ފަންނީ ކޮމިޓީއަކާ ހަވާލުކޮށްގެން މިހާރު ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފޮތްތަކުގައި މައްސަލަތައް ހުރެގެން ވާނޭކަމަށް ޤަބޫލުނުކުރައްވާކަމަށާއި، އެހެންކަމުން މިކަމުގައި އިޙުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށެވެ.

"ޤަބޫލުކުރަން ފޮތުގައި ކުށް ހުރެގެން ނުވާނެކަމަށް. އިޙުމާލު އެބައޮތް. ވަކި މީހެއްގެ ބޮލުގަ އަޅުވާކަށްނޫން. އެކަމަކު މިއީ ރިވިއުކޮށް ޕްރޫފް ރީޑްކޮށް ފާސްކޮށް ނެރެފަހުރި ފޮތްވީމަ، ހަމަ އިޙުމާލު އެބައޮތް. އެކަން ރަނގަޅުކުރުމަށް މިމަސައްކަތް ކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.

ޤުރުއާން ފޮތްތަކުގައި މައްސަލަތައް ހުރިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރި ހިސާބުންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފޮތްތަކުގައި ހުރި މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައެވެ.