މުނިފޫހިފިލުވުން

"އަންތިމް"ގައި ސަލްމާނާއިއެކު އަޖޭ ދަތްވެސް ފެންނާނެ


ސަލްމާން ޚާނާއި ޅިޔަނު އަޔުޝް ޝަރުމާގެ ކުރިއަށް އޮތް ފިލްމު "އަންތިމް" ގައި އެކްޓަރ އަޖޭ ދަތްވެސް ފެންނާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.

"ބްރޭކްފާސްޓް އިން ބެންގަލޫރު" ، "އާޕްކޭ އާޖާނޭސޭ" އަދި "ސްކައި ފަޔަރ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓަރ އަޖޭ ދަތް މި ފިލްމުގައި ކުޅެނީ ކޮން ރޯލެއްކަމެއް އަދި ނޭގެއެވެ.

އެކްޝަން ތްރިލަރ "އަންތިމް:ދަ ފައިނަލް ޓްރުތް" އަކީ މަހޭޝް މަންޖުރޭކާގެ ޑައިރެކްޝަނެކެވެ. އަދި ސަލްމާންޚާން ފިލްމްސްގެ ބެނަރގެ ދަށުން މި ފިލްމު ޕްރޮޑިއުސްކުރަނީ ސަލްމާނެވެ.

2018 ވަނަ އަހަރު ދެއްކި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގައި ސަލްމާނާއި އަޔުޝްގެ އިތުރުން ޕްރަގްޔާ ޖެއިސްވާލްވެސް ލީޑްރޯލުން ފެނިގެންދާނެއެވެ.

ސަލްމާނާއި އާޔޫޝް ޝަރުމާގެ ކުރިމަތިލުންތަކެއް ފެންނާނެ މި ފިލްމުގައި ސަލްމާން ކުޅެނީ ސިކުންގެ ފުލުހެއްގެ ރޯލެވެ. ފިލްމުގެ ސެޓުން ނަގާފައިވާ ވީޑިއޯއެއް އަޔުޝް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވާ އިރު އެ ވީޑިއޯގައި ފެންނަނީ ވެނިޓީ ވޭނުން ފައިބައިގެން ސަލްމާން ފިލްމުގެ ސެޓަށް ދާ ތަނެވެ.