މުނިފޫހިފިލުވުން

އެކްޓަރ ވިދްޔުތް ޖަމްވަލް އެންގޭޖްވެއްޖެ


ގިނަ އަންހެންކުދިންގެ ހިތްތައް އަތުލާފައިވާ ބޮލީވުޑް އެކްޓަރ ވިދްޔުތް ޖަމްވަލް އެންގޭޖްވެއްޖެއެވެ.
ވިދްޔުތް އެންގޭޖް ވެފައިވަނީ ލޯބިވެރިޔާ އަދި އިންޑިއާގެ ފެޝަން ޑިޒައިނަރ ނަންދިތާ މަހްތާނީ އާއެވެ.

ވިދްޔުތްގެ ކުރިން ނަންދިތާ އުޅުނީ ކުރީގެ ބޮލީވުޑް އެކްޓަރ ޑިނޯ މޯރިއާ އާއި ލޯބީގެގޮތުން ގުޅިގެންނެވެ. އެތައް ފަހަރަކު ރުޅިވެ އަލުން ރައްޓެހިވުމަށްފަހު އެންމެ ފަހުން ދެ މީހުން އެއްބަސްވެގެން ވަނީ ރަޙްމަތްތެރިކަމުގެ ގުޅުން ބާއްވަން ނިންމާފައެވެ.

ވިދްޔުތާއި ނަންދިތާ ބައްދަލުވީ މީގެ 5 މަސްކުރިންނެވެ.

ވިދްޔުތް މީގެކުރިން ލޯބީގެގޮތުން ގުޅިގެން އުޅުނީ "ތްރީ އިޑިއަޓްސް" ގެ ތަރި މޯނާ ސިންގްއާއެވެ. ދެ އަހަރު ދުވަހު އެކީގައި އުޅުމަށްފަހު މި ގުޅުން ވަނީ ނިންމާލާފައެވެ. އަދި މޯނާ ވަނީ ވިޔަފާރިވެރިޔާ ޝާމް ގޮޕަލާން އާއި 2019 ވަނަ އަހަރު ކައިވެނިކޮށްފައެވެ.

40 އަހަރުގެ ވިދްޔުތް ފިލްމީ ކެރިއަރ ފަށާފައިވަނީ 2011 ވަނަ އަހަރު ދެއްކި ފިލްމު "ފޯސް" އިންނެވެ. އަދި މި ފިލްމުން އޭނާއަށް ވަނީ ފިލްމުފެއަރ ގިނަ އެވޯޑްތަކެއްވެސް އުފުލާލާފައެވެ. އެ އަހަރުގެ އެންމެ މޮޅު ފިރިހެން ޑެބިއު އެކްޓަރުގެ މަޤާމުވެސް ވިދްޔުތް ވަނީ ހޯދާފައެވެ.

އޭގެފަހުން "ކޮމާންޑޯ" ގެ ފްރެންޗައިޒް ފިލްމުތަކާއި "ބުލެޓް ރާޖާ" ، "އަންޖާން' 'ޖަންގްލީ" "ޚުދާ ޙާފިޒް" އަދި "ޖަންގްލީ" ފަދަ ފިލްމުތަކުން ވިދުޔުތް ވަނީ ފެނިގެން ގޮސްފައެވެ.

"ޚުދާ ޙާފިޒް:ޗެޕްޓަރ 2" ، "ސަނަކް" އަދި "އައިބީ71" އަކީ ވިދްޔުތް ގެ ކުރިއަށްހުރި ފިލްމުތަކެވެ.