ކޯވިޑްގެ ތެރޭގައި ސަރުކާރު ހިންގުމުގެ ކަންކަން ކުރިއަށްގެންދިޔަގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.
މޭ 6 ބޮމުގެ ހަމަލާއަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑާއި ގުޅިގެން ސަރުކާރުން އަމަލުކުރެއްވިގޮތާއި އަދި އަމަލުކުރައްވަމުން ގެންދަވާގޮތަށް މަރުޙަބާ ވަރަށް ފުރިހަމަކަމަށާއި، އެކަންކަމަށް މަރުހަބާ ކިޔާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އަމަލުކުރެއްވި ގޮތުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރިކަމަށެވެ.
ނަޝީދުގެ ވާހަކަފުޅުގައި ކޯވިޑް ސަބަބުން އިޤްތިޞާދަށް ލޮޅުން އަރައި އަދި އުފެއްދުންތެރިކަން ދައްވެގެންދާނެކަން އެއީ އެންމެންނަށްވެސް އެނގޭނެކަމެއްކަމަށާއި، އެހެންކަމުން މީގެކުރިން ލަފާކުރާ މިންވަރަށްވުރެ ދަރަނި ބޮޑުވެގެންދިއުން އެއީ އެކަށީގެންވާކަމެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"މިއަދުވެސް އަދި އަބަދުވެސް އަޅުގަނޑު ރައީސްއަށް މަރުހަބާ ދަންނަވާނެކަމެއް އެއީ މި ރޯގާގެ ކަންކަމުގައި ސަރުކާރު ހިންގަވަމުން ގެންދެވި ގޮތާއި އަދި ރޯގާއާއި ގުޅޭގޮތުން އަމަލުކުރައްވަމުން ގެންދެވިގޮތް އެއީ އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބައްލަވައިގެން ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް. އަދި އޭގެ ސަބަބުން ދިވެހި ރާއްޖެއަށާއި ދިވެހިންނަށް އެތައް ގިނަގުނަ ފައިދާތަކެއް ލިބެމުން އެބަދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މޭ 6 ބޮމުގެ ހަމަލާއަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ބައެއް ކަންކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއެވެ.
ސަރުކާރުން ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައީސް ނަޝީދު ތައުރީފްކުރެއްވިއިރު، އިޤްތިޞާދީ ތަޖުރިބާކާރުންވެސް ދަނީ ސަރުކާރުން ކޯވިޑް މެނޭޖްކޮށް އަލުން އިޤްތިޞާދު އާރާސްތުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.