ކުޅިވަރު

ސްކޮޓްލެންޑް މޮޅުވެ ކޮލިފައިވުމުގެ އުންމީދު އާކޮށްފި


ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕް ކޮލިފައިން ގުރޫޕް އެފް ސްކޮޓްލޭންޑް މޮޅުވެ ކޮލިފައިން ވުމުގެ އުންމީދު އާކޮށްފިއެވެ. އަމިއްލަ ދަނޑުގައި މޯލްޑޯވާ އަތުން ސްކޮޓްލޭންޑް މޮޅުވީ 1-0 ލަނޑުންނެވެ.

މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފްގައެވެ. މި ލަނޑު ސްކޮޓްލޭންޑަށް ކާމިޔާބުކޮށްދިނީ ނެތަން ޕެޓާސަން ދިން ބޯޅައަކުން ޑައިކްސްއެވެ. މިއީ އޭނާ ސްކޮޓްލޭންޑަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ.

ރޭގައި މިގުރޫޕުން އިސްރޭލް ހޯދި މޮޅާއެކު ގުރޫޕްގެ ޕްލޭއޯފް ޖާގައަށް ވާދަކުރާ ޓީމުތަކުގެ ފޯރި ވަނީ ގަދަވެފައެވެ. އިސްރާއީލްގައި ކުޅުނު މެޗު އޮސްޓްރިޔާ އަތުން މޮޅުވީ 5-2 ލަނޑުންނެވެ. ގުރޫޕްގެ އެންމެ ކުރީގަ އޮތް ޑެންމާކް ވަނީ ރޭ ރަށުން ބޭރުގައި ކުޅެ ފެރޯއައިލެންޑް މައްޗަށް 1-0 ލަނޑުން ކުރި ހޯދާފައެވެ.

ގުރޫޕުން ކޮންމެ ޓީމެއް ފަސްމެޗު ކުޅުނެވެ. 15 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތީ ޑެންމާކެވެ. ޕްލޭއޯފް ޖާގައަށް ގުރޫޕުން މިވަތު ތިން ޓީމެއް ވާދަކުރެއެވެ. ދެވަނައިގައި އޮތް އިސްރާއީލަށް 10 ޕޮއިންޓް ލިބިގެންދާއިރު ތިންވަނައިގަ ސްކޮޓްލޭންޑް އޮތީ 8 ޕޮއިންޓާއެކުގައެވެ. ހަތަރުވަނާއިގަައި އޮސްޓްރިޔާ އޮތީ 7 ޕޮއިންޓާއެކުގައެވެ. ގުރޫޕްގެ ފުލުގައިވާ ފެރޯއައިލެންޑް އާއި މޯލްޑްވާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.