މުނިފޫހިފިލުވުން

އިންތިޒާރު ނިމުމަކަށް، ޓޮމް ކްރޫޒްގެ "ޓޮޕް ގަން:މެވެރިކް" މިއަހަރު


1986 ވަނަ އަހަރު ނެރުނު އެކްޝަން އެޑްވެންޗަރ ފިލްމު "ޓޮޕް ގަން" ގެ ސީކުއަލް "ޓޮޕް ގަން:މެވެރިކް" ރިލީޒްކުރަން އެތައް ތާރީހުތަކެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ދީފައިވެއެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ތާރީހަކަށް މި ފިލްމު ސްކްރީންތަކާއި ހަމައަށް އަދިވެސް މި އޮތީ ނާހެވެ.

މި ފިލްމު އުފައްދާ ޕެރާމަންޓް ޕިކްޗާރސްއިން އަނެއްކާވެސް މި ވަނީ ފިލްމު ނެރޭނެ ތާރީހެއް އިއުލާންކޮށްފައެވެ. ޓޮމް ކްރޫޒްގެ ފޭނުންނަށް އެ ކުންފުނިން ދިން ތާރީހަކީ އަންނަ ނޮވްމެބަރު 19 ވަނަދުވަހެވެ.

"ޓޮޕް ގަން:މެވެރިކް" ގެ އިތުރުން ޓޮމް ކްރޫޒްގެ އެންމެ ކާމިޔާބު ފިލްމު ސީރީޒް "މިޝަން އިމްޕޮޒިބްލް 7" ރިލީޒްކުރަން ނިންމި ތާރީހުވެސް އެތައް ފަހަރަކު މިވަނީ ފަހަތަށް ޖެހިފައެވެ. މި ފިލްމަށް އެންމެ ފަހުން ދިން ތާރީހަކީ މިމަހުގެ 27 ވަނަދުވަހެވެ.

މި 2 ފިލްމުގެ އިތުރުން މި އަހަރުގެ އޮކްޓޫބަރު 22ގައި ކުރިން ރީލީޒްކުރަން ނިންމި ޖޯނީ ނޮކްސްވިލޭ އަދި ސްޓީވް އޯ ފެނިގެންދާ ކޮމެޑީ ފްރެންޗައިޒް ފިލްމު "ޖަކާސް ފޯއެވަރ" ރިލީޒްކުރުންވެސް މިހާރު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 4 އަށް ފަސްކޮށްފައެވެ.

މީގެއިތުރުން ޔުނިވާރސަލްގެ މިޔުޒިކަލް އެޑެޕްޓޭޝަން ފިލްމު "ޑިއަރ އީވެން ހަންސޭން" ރިލީޒްކުރުން އަންނަ ސެޕްޓެމްބަރު 24 އަށް ތާވަލުކޮށްފައިވާއިރު ޖޭމްސް ބޮންޑްގެ ސީކުއަލް "ނޯ ޓައިމް ޓު ޑައި" ލޯންޗް ކުރާނީ އަންނަ މަހު 8 ވަނަ ދުވަހުއެވެ.

ޖޯސެފް ކޮޒިންސްކީ ޑައިރެކްޓްކޮށްފައިވާ "ޓޮޕް ގަން:މެވެރިކް" ގައި މިލެޒް ޓެލާ، ޖެނިފާ ކޮނޮލީ، ޖޮން ހަމް، ގްލެން ޕަވެލް، އެޑް ހެރިސް، ލުވިސް ޕުލްމަން، ވަލް ކިލްމާ އަދި މޮނިކާ ބާބަރޯ ފަދަ ތަރިން ފެނިގެންދާނެއެވެ.