ޚަބަރު

ޤަޠަރުގެ އެހީތެރިކަމާއެކު ކާބުލްގެ ވައިގެ ބަނދަރު ހުޅުވައިފި


އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުޅުވައި ޚިދުމަތަށް ތައްޔާރުވެފައިވާކަމަށް ޤަޠަރުން ބުނެފިއެވެ.

20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުންވަނީ ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހިންގުމުގެ ހުނަރާއި ޤާބިލުކަން ޠާލިބާނުންގެ ކިބައިގައި ނެތުމުން އެ ޖަމާޢަތުންވަނީ ޤަޠަރާއި ތުރުކީވިލާތުގެ އެހީތެރިކަމަށް އެދިފައެވެ. ގާތްގަނޑަކަށް ފަސް ދުވަހަށްފަހު ކާބުލްގެ ވައިގެ ބަނދަރު ހުޅުވާފައިވަނީ ޤަޠަރުގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ ގޮތުން ޤަޠަރުންވަނީ ވައިގެ ބަނދަރުގެ ރަންވޭ މަރާމާތުކޮށްދީފައެވެ.

ޠާލިބާނުން ބުނެފައިވާ ގޮތުގައި އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާން ދޫކޮށް ގޮސްފައިވަނީ ވައިގެ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހުއެވެ. އެ ގޮތުން ވައިގެ ބަނދަރުގެ ބައެއް އިމާރާތްތަކުގައި ހުޅުޖެހުމުގެ އިތުރުން ރަންވޭއަށް ގެއްލުންދިނުން ހިމެނޭކަމަށް ޠާލިބާނުންވަނީ ބުނެފައެވެ. އެހެންކަމުން ވައިގެ ބަނދަރު މަރާމާތުކުރުމަށް ދުވަސްނަގާނެކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ މެންދަމު އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ވައިގެ ބަނދަރުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށްވަނީ އެހީގެ ސަމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތިފައެވެ. އަދި ބައިނަލްއަޤްވާމީ އެހީތެރިކަން އަވަހަށް ނުލިބިއްޖެނަމަ އަފްޣާނިސްތާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާނެކަމަށް އދންވަނީ ބުނެފައެވެ.

ކާބުލްގެ ވައިގެ ބަނދަރު ހުޅުވުމަށްފަހު ޤަޠަރުން ބުނެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދޭނީ އެހީގެ ސާމާނާއެކު އަފްޣާނިސްތާނަށް ދަތުރުކުރާ މަތިންދާބޯޓުތަކަށްކަމަށެވެ. އަދި ވަރަށް އަވަހަށް ޢާއްމު ދަތުރުފަތުރަށް ކާބުލްގެ ވައިގެ ބަނދަރު ހުޅުވާލާނެކަމަށްވެސް ޤަޠަރުންވަނީ ބުނެފައެވެ.

ބޭރުގެ އަސްކަރީ ބާރުގެ ދަށުގައި އަފްޣާނިސްތާން އޮތް ދުވަސްވަރު ތުރުކީވިލާތުންވަނީ ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވުމަށް މަޝްވަރާކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ވަޑައިގަތުމުން ތުރުކީވިލާތުން ކުރަމުންދިޔަ މަސައްކަތްތައްވަނީ ހުއްޓިފައެވެ. އޭގެ އިތުރުން ޠާލިބާނުންވަނީ ތުރުކީވިލާތަށް ވައިގެ ބަނދަރު ޙަވާލުކުރުމަށް ދެކޮޅުހަދައިފައެވެ.