ޚަބަރު

މެލޭޝިޔާގެ އިޤްތިޞާދު އިޢާދަކުރުމަށް އެކުލަވާލި ކައުންސިލަށް މުޙްޔިއްދީން


މެލޭޝިޔާގެ އިޤްތިޞާދު އިޢާދަކުރުމަށް އެކުލަވާލި ކައުންސިލުގެ އިސްވެރިޔަކަށް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ޢައްޔަންކޮށްފިއެވެ.

މެލޭޝިޔާގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ އިޤްތިޞާދު އިޢާދަކުރުމަށް އެކުލަވާލި ކައުންސިލުގެ އިސްވެރިޔަކަށް ވަޒީރު ފެންވަރުގައި މުޙްޔިއްދީން ޢައްޔަންކުރުމަށެވެ. އެ މަޤާމުގައި ހުންނަވައި ބޭފުޅެއްގެ މައިގަނޑު މަސައްކަތެއްކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވަނީ ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ އިޤްތިޞާދު ހަމައަކަށް އަޅުވައި ޢާއްމު ޙާލަތަކަށް ގެނައުމުގެ އިތުރުން ދަތި ޙާލަތުގައި ތިބި ރައްޔިތުންނަށް އެހީތެރިވުމެވެ. މެލޭޝިޔާގެ ވަޒީރުންގެ މަޖިލީހުން ނިންމީ މުޙްޔިއްދީންގެ ތަޖުރިބާގެ ސަބަބުން އޭނާއަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށެވެ.

އޮގަސްޓު މަހުގެ 16ވަނަ ދުވަހު މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާދެއްވީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިވަޑައިގަތުމުންނެވެ. ނަމަވެސް އިދިކޮޅުގެ ތާޢީދާއެކު މެލޭޝިޔާގައި އެކުލަވާލި ސަރުކާރުގައި ޢުމުރުފުޅުން 74 އަހަރުގެ މުޙްޔިއްދީންވަނީ ބައިވެރިވަޑައިގެންފައެވެ. ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު މުޙްޔިއްދީނަށް ގެއްލިވަޑައިގަތް ސަބަބުތަކުގެ ތެރޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުއްވުމާއި އިޤްތިޞާދު ހީނަރުވުން ހިމެނެއެވެ.