ޚަބަރު

އިތުބާރު ނެތްކަމުގެ ވޯޓުން ތައިލޭންޑުގެ ބޮޑުވަޒީރު ސަލާމަތްވެއްޖެ


ތައިލޭންޑުގެ ޤާނޫނުހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓު ބޮޑުވަޒީރު ޕުރަޔުތު ޗަންއޯޗާ ކާމިޔާބުކުރައްވައިފިއެވެ.

ތައިލޭންޑުގެ ސިޔާސީ މަޞްރަޙް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ޕުރަޔުތާއި ޞިއްޙަތާބެހޭ ވަޒީރު ހިމެނޭހެން ފަސް ވަޒީރުންގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓު އެ ބޭފުޅުން ކާމިޔާބުކުރައްވާފައިވަނީ ބޮޑު އަޣްލަބިއްޔަތަކުންނެވެ. އެ ގޮތުން ޤާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުގައި އެ ބޭފުޅުންނަށް އިތުބާރު އޮތްކަމަށް 264 މެންބަރުން ވޯޓު ދިނެވެ. އިތުބާރު ނެތްކަމަށް ވޯޓު ދީފައިވަނީ 208 މެންބަރުންނެވެ. އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު މެންބަރުންނަށް 242 ވޯޓު ބޭނުންވެއެވެ. ވޯޓަށްފަހު ޕުރަޔުތު ވިދާޅުވެފައިވަނީ އޭނާ ހުންނެވީ ވަރަށް އިތުބާރާއެކުކަމަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމުގެ ކުރިން ހަތަރު ދުވަސްވަންދެން ކުރި ބަހުސްތަކުގައި އިދިކޮޅު މެންބަރުންވަނީ ޕުރަޔުތަށާއި އޭނާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެ ގޮތުން ތައިލޭންޑަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާއި ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގެ ދުވެލި މަޑުވުމާއި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ޞިއްޙަތާބެހޭ ވުޒާރާއިން ޤާއިމުކޮށްފައިވާ ކޮވެކްސް މަޝްރޫޢުގައި އެ ޤައުމުން ބައިވެރިނުވުމުން އިދިކޮޅު މެންބަރުންވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ނަމަވެސް ޕުރަޔުތުވަނީ އޭނާގެ ނިންމުންތައް ދިފާޢުކުރައްވައި ވާހަކަދައްކަވައިފައެވެ.

ތައިލޭންޑުގެ ބޮޑުވަޒީރުގެ މަޤާމާ ޕުރަޔުތު އެންމެ ފުރަތަމަ ޙަވާލުވެވަޑައިގެންފައިވަނީ 2014ވަނަ އަހަރު އެ ޤައުމުގެ އަސްކަރިއްޔާއިން ކުރި ބަޣާވާތަށްފަހުއެވެ. އޭރު އޭނާ ހުންނެވީ ތައިލޭންޑުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ. އެއަށްފަހު އަސްކަރީ ޔުނިފޯމު ބޭލެއްވުމަށްފަހު އޭނާވަނީ 2019ވަނަ އަހަރު ބޭއްވި ޢާއްމު އިންތިޚާބު ކާމިޔާބުކުރައްވައިފައެވެ. ތަފާތު ތިން ފަހަރެއްގެ މަތިން ޕުރަޔުތުގެ މައްޗަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓު އޭނާވަނީ ކާމިޔާބުކުރައްވައިފައެވެ.