ޚަބަރު

ވެކްސިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އޮސްޓުރޭލިޔާއަށް 4 މިލިޔަން ޑޯސް ދެނީ


ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އޮސްޓުރޭލިޔާއަށް 4 މިލިޔަން ޑޯސްގެ ވެކްސިން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން ވިދާޅުވީ އިނގިރޭސިވިލާތާއެކު ސޮއިކޮށްފައިވާ ވެކްސިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ފައިޒަރ ވެކްސިންގެ 4 މިލިޔަން ޑޯސް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ އާބާދީ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށްފަހު އޮސްޓުރޭލިޔާގެ އިޤްތިޞާދީ ޙަރަކާތްތައް ފެށުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަމަށް މޮރިސަން ވިދާޅުވިއެވެ. ވެކްސިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށަުން ފަހުގެ ތާރީޙެއްގައި ވެކްސިންގެ 4 މިލިޔަން ޑޯސް އޮސްޓުރޭލިޔާއިން އިނގިރޭސިވިލާތަށް ދޭންޖެހޭނެއެވެ.

އޮސްޓުރޭލިޔާގައި ވެކްސިން ޖެހުމުގެ ދުވެލި މަޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބައެއްގެ ފާޑުކިޔުންވަނީ އެ ޤައުމުގެ ސަރުކާރަށް އަމާޒުވެފައެވެ. އަދި ވެކްސިން ޖެހުމުގެ ދުވެލި މަޑުކަމަށް އިޢުތިރާފުވެވަޑައިގެންނެވުމަށްހު މޮރިސަންވަނީ މަޢާފަށްވެސް އެދިވަޑައިގެންފައެވެ. 25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ 16 އަހަރުން މަތީގެ އާބާދީގެ 36 އިންސައްތަ މީހުންނެވެ.

ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓުވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި އޮސްޓުރޭލިޔާގައި ވަރަށް ބޮޑަށް ފެތުރެން ފަށައިފައެވެ. އެއާއެކު އޮސްޓުރޭލިޔާގެ ސަރުކާރުންވަނީ އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި ފުރަބަންދުކޮށްފައެވެ. އޭގެ ތެރޭގައި ސިޑުނީއާއި ކެންބެރާއާއި މެލްބަން ހިމެނެއެވެ.

ކޯވިޑް-19އާ ދެކޮޅަށް ދުނިޔޭގައި އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅި ޤައުމުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އޮސްޓުރޭލިޔާގައި 58،200އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 1،032 މީހުންވަނީ މަރުވެފައެވެ.