ކުޅިވަރު

ވޯލްޑް ކަޕް ކޮލިފައިން - ހަންގޭރީއާ ވާދަކޮށް އިންގްލަންޑް މެޗު ކާމިޔާބުކޮށްފި


ވާރލްޑް ކަޕް ކޮލިފައިންގެ ޔޫރަޕްގެ ސަރަހައްދުގެ ގްރޫޕް އައި ގައި އިންގްލެންޑާއި ހަންގޭރީ ބައްދަލުކުރިމެޗް އިންގްލަންޑް ކާމިޔާބުކޮށްފިއެވެ. ހަންގޭރީގެ ބުޑަފެސްޓްގައި ކުޅުނު މިމެޗް އިންގްލަންޑް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންގްލަންޑުންނެވެ. ހަންގޭރީއަކީ އިދިކޮޅު ޓީމްތަކަށް ކުޅޭން މާފަސޭހަ ޤައުމަކަށް ނުވެއެވެ. މިކަން ޔޫރޯ 2020 ގައި ވަނީ ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮސްފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ހަންގޭރީގެ ސަޕޯޓަރުން އެޓީމަށް ދެމުންދާ ހުއްޓުމެއް ނެތް ސަޕޯޓެވެ.

ނަމަވެސް ރޭގެ މެޗްގައި ހަންގޭރީއަށް އިންގްލަންޑް ހިފަހައްޓަލެވޭވަރުވީ ފުރަތަމަ ހާފް ނިމެން ދެނެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ 10 ވަނަ މިނެޓްގައި އިންގްލަންޑްގެ ފުރަތަމަ ލަނޑު ވަނީ ރަހީމް ސްޓަރލިންގ ކާމިޔާބުކޮށްދީފައެވެ. އަދި މިލަނޑު ޖެހިތާ 8 މިނެޓްފަހުން އިންލަންޑްގެ ކެޕްޓަން ހެރީ ކޭންވަނީ ލަނޑެއް ޖަހައި މެޗްގައި އިންގްލަންޑްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި އިންގްލަންޑްގެ ތިންވަނަ ލަނޑު ޖަހައިދިނީ 69 ވަނަ މިނެޓްގައި ޖަހައިދިނީ ހެރީ މެގުއާއެވެ. އަދި ފަހު ލަނޑު މެޗް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޑެކްލަން ރައީސްއެވެ.

މިކާމިޔާބީއާއެކު އިންގްލަންޑް މިހާރުވަނީ ގްރޫޕް އައިގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ތާވަލްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. އެންމެ ގާތުން ވާދަކުރާ ޕޯލަންޑަށް ލިބިފައިވަނީ ހަތަރު މެޗުން 7 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ހަންގޭރީ މިހާރުވަނީ 4 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތިންވަނައަށް ވެއްޓިފައެވެ.