ކުޅިވަރު

1993 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސްޕެއިން ވާރލްޑް ކަޕް މެޗަކުން ބަލި


ވާރލްޑް ކަޕް ކޮލިފައިންގގެ ޔޫރަޕްގެ ސަރަހައްދުގެ ގްރޫޕް ބީ ގައި ސްވިޑްން އާއި ސްޕެއިން ބައްދަލުކުރިމެޗް ސްވިޑްން ކާމިޔާބުކޮށްފިއެވެ. ޔޫރޯ 2020 ގައި މިފަހަރު މޮޅު ކުޅުމެއް ދެއްކި ސްވިޑްންއިން މިމެޗް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

ސްވިޑްންގެ ސްޓޮކްހޯމްގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސްޕެއިންއެވެ. މިލަނޑު ސްޕެއިންއަށް ޖަހައިދިނީ ރޭގެ މެޗްގައި ސްޕެއިންއަށް ފުރަތަމަ މެޗް ކުޅެމުންދިޔަ ކާލޯސް ސޮލޭރުއެވެ. ނަމަވެސް ލަނޑު ޖެހިތާ މިނެޓެއް ވެސް ނުވަނީސް ސްވިޑްންގެ އެލެގްޒެންޑަރ އިސާގް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މިމެޗުން ސްވިޑްން މޮޅުވި ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހައިދިނީ ވިކްޓަރ ކްލައެސަންއެވެ.

މިކާމިޔާބީއާއެކު ސްވިޑްން މިހާރުވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި ސްޕެއިން ވަނީ 4 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ވެއްޓިފައެވެ. އަދި މިއީ 1993 ވަނަ އަހަރަށްފަހު ވާރލްޑް ކަޕް ކޮލިފައިންގ މެޗަކުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެފަހުން ސްޕެއިން ވާރލްޑް ކަޕް ކޮލިފައިންގ މެޗަކުން ބަލިވެފައިވަނީ 1993 ވަނަ އަހަރުގެ މާރޗް މަހު ޑެންމާކް އަތުންނެވެ. އޭގެ ފަހުން މިހާތަނަށް ސްޕެއިނުންވަނީ ވާރލްޑް ކަޕް ކޮލިފައިންގައި 66 މެޗް ބަލިނުވެ ކުޅެފައެވެ. މިގޮތުން 52 މެޗުން މޮޅު ވެފައުވާއިރު 14 މެޗެއް ވަނީ އެއްވަރު ވެފައެވެ.