ޚަބަރު

ސޫރިޔާގެ އިންޤިލާބު ފެށުނު ރަށް 10 އަހަރުފަހުން ބައްޝާރުގެ ބާރުގެ ދަށަށް


އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް މުޙިއްމު ރަށެއްކަމަށްވާ ދާރުޢާ އަލްބަލާދު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަސްކަރީ ފައުޖުތަކުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

އުރުދުންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ދާރުޢާ އަލްބަލާދަކީ 2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގެ އަސަދު ޢާއިލާގެ ވެރިކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި ރަށެވެ. އެއަށްފަހު ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި ސޫރިޔާގައިވަނީ ގެއްލުން ބޮޑު ދާޚިލީ ހަނގުރާމައެއް ކޮށްފައެވެ. އެ ހަނގުރާމައިގައި ބައިވެރިވާ އެކި ޖަމާޢަތްތަކަށް އެހީތެރިވުމަށާއި ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ގިނަ ޢަދަދެއްގެ ޤައުމުތަކުންވަނީ އަސްކަރީ ފައުޖުތައް ސޫރިޔާއަށް ފޮނުވައިފައެވެ. އެ ގޮތުން ރަޝިޔާއާއި އީރާނުގެ ސިފައިންނާއި ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތުގެ ހަނގުރާމަވެރިންވަނީ ބައްޝާރުގެ ވެރިކަން ދިފާޢުކުރުމަށް ދާޚިލީ ހަނގުރާމައިގައި ބައިވެރިވެފައެވެ. އަދި ސޫރިޔާގެ އެކި ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިވުމަށް އެމެރިކާއިންވަނީ އެ ޤައުމަށް ސިފައިން ފޮނުވައިފައެވެ. އޭގެ އިތުރުން ތުރުކީވިލާތުންވަނީ ކުރުދީ ޖަމާޢަތްތަކާ ދެކޮޅަށް ޙަރަކާތްތެރިވުމަށް ސޫރިޔާއަށް ސިފައިން ފޮނުވައިފައެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ދާރުޢާ ޕުރޮވިންސް ސޫރިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައި ކުރި ހަނގުރާމައިގައެވެ. ރަޝިޔާއާއި އީރާނުގެ އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާގެ ފައުޖުތަކުންވަނީ ދަރްޢާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. ހުޅަނގުގެ އެހީތެރިކަން ލިބެމުންދާ އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ބަރު ހަތިޔާރު އަތުލުމަށްފަހު ދާރުޢާ އަލްބަލާދު އަވަށުގައި ތިބުމުގެ ޙުއްދަ ސޫރިޔާގެ ސަރުކާރުން އޭރުވަނީ ދީފައެވެ. ދާރުޢާގެ މަޞްރަޙް އަނެއްކާވެސް ގޯސްވެފައިވަނީ މީގެ ދެ މަސްދުވަސްކުރިން ދާރުޢާ އަލްބަލާދުވެސް ސޫރިޔާގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުންނެވެ. އެ ގޮތުން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ދާރުޢާ އަލްބަލާދަށްވަނީ ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

ދާރުޢާ އަލްބަލާދުގައި ބޮޑު ލޭއޮހޮރުވުމެއް ހިނގުމުގެ ކުރިން ރަޝިޔާގެ އަސްކަރިއްޔާއިންވަނީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު އެއްބާސްވުމެއް ޤާއިމުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އިދިކޮޅު ހަނގުރާމަވެރިންވަނީ ރަޝިޔާގެ އަސްކަރިއްޔާއަށް ހަތިޔާރުތައް ޙަވާލުކުރުމަށްފަހު ދާރުޢާ އަލްބަލާދަށް ވަނުމުގެ ފުރުޞަތު ރަޝިޔާގެ ސިފައިންނަށް ދީފައެވެ. ބަދަލެއްގެ ގޮތުން ރަޝިޔާގެ އަސްކަރިއްޔާއިންވަނީ ބައްޝާރުގެ ދިފާޢުގައި ހަނގުރާމަކުރާ ޝިޢީ ހަނގުރާމަވެރިންގެ ކިބައިން ދާރުޢާ އަލްބަލާދުގައި ތިބި އިދިކޮޅު ހަނގުރާމަވެރިން ދިފާޢުކޮށްދިނުމަށް އެއްބަސްވެފައެވެ. އެއަށްފަހު ރަޝިޔާގެ އަސްކަރީ ފައުޖުތަކުންވަނީ ދާރުޢާ އަލްބަލާދަށް ވަދެ ސަރުކާރުގެ އިމާރާތްތަކުގައި ރަޝިޔާއާއި ސޫރިޔާގެ ދިދަ ނަގައިފައެވެ.

ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި ދާރުޢާ އަލްބަލާދަށް ސޫރިޔާގެ އަސްކަރީ ފައުޖުތަކުން ދިން ޙަމަލާތަކުގެ ސަބަބުން 50،000އަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި ދާރުޢާ އަލްބަލާދުގައި ބޮޑު އިންސާނީ ކާރިޘާއެއް ކުރިމަތިވެ ފެނާއި ކާބޯތަކެއްޗާއި ޞިއްޙީ ސާމާނަށްވަނީ ޖެހިފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުވަނީ ރަޝިޔާއާއި އީރާނުގެ އެހީތެރިކަމާއެކު ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެ ގޮތުން ސޫރިޔާގެ ދާޚީލީ ހަނގުރާމައިގެ ކުރީކޮޅު ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލުމަށްފަހު 2015ވަނަ އަހަރުގެ ފަހުން އެ ޤައުމުގެ 70 އިންސައްތަވަނީ ބައްޝާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ޤައުމުގެ އެހެން ސަރަޙައްދުތައްވަނީ ޚިޔާލު ތަފާތުވެފައިވާ އެކި ހަނގުރާމަވެރި ޖަމާޢަތްތަކުގެ މެދުގައި ބެހިފައެވެ.