ޚަބަރު

ޠާލިބާނުންނަށް އެހީތެރިވުމަށް ޤަޠަރާއި ތުރުކީވިލާތުން ނިންމައިފި


20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން ހުއްޓުމަކަށް އައިސްފައިވާ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ޤަޠަރާއި ތުރުކީވިލާތުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބާ ބައްދަލުކުރެއްވުމަށްފަހު ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުލްރަޙްމާން އަލްޘާނީ ވިދާޅުވީ ކާބުލްގެ ވައިގެ ބަނދަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށް ތުރުކީވިލާތާއެކު މަސައްކަތްކުރަމުންދާކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަނީ ކާބުލްގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް އަލުން ފެށުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ވައިގެ ބަނދަރު އަލުން ހުޅުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤަޠަރާއި ތުރުކީވިލާތުން ނިންމާފައިވަނީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ އެދުމުގެ މަތިންނެވެ.

ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވުމާ ގުޅޭގޮތުން ތުރުކީވިލާތުންވަނީ މީގެ ކުރިން އެމެރިކާއާއި އަފްޣާނިސްތާނުގެ ސަރުކާރާ މަޝްވަރާކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ވަޑައިގަތުމުން ތުރުކީވިލާތުން ކުރަމުންދިޔަ މަސައްކަތްތައްވަނީ ހުއްޓިފައެވެ. އަދި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން ވައިގެ ބަނދަރާ ޙަވާލުވުމަށް ތުރުކީވިލާތުން ކުރަމުންދިޔަ މަސައްކަތްތައް އެ ޤައުމުން ހުއްޓައިލިއެވެ. ކާބުލްގެ ވައިގެ ބަނދަރާ ތުރުކީވިލާތުން ޙަވާލުވުމަށް މީގެ ކުރިން ޠާލިބާނުންވަނީ ދެކޮޅުހަދައިފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހިންގުމުގެ ހުނަރާއި ޤާބިލުކަން ޠާލިބާނުންގެ ކިބައިގައި ނެތުމުން އެ ޖަމާޢަތުގެ ނިންމުންވަނީ ފަހުން ބަދަލުކޮށްފައެވެ.

އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ މެންދަމު އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ވައިގެ ބަނދަރުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުއަށްވަނީ އެހީގެ ސަމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތިފައެވެ. އަދި ބައިނަލްއަޤްވާމީ އެހީތެރިކަން އަވަހަށް ނުލިބިއްޖެނަމަ އަފްޣާނިސްތާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާނެކަމަށް އދންވަނީ ބުނެފައެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ދިޔުމުން އެ ޤައުމުގައި ޤާއިމުކޮށްފައިވާ ގިނަ ޢަދަދެއްގެ އެންބަސީތައްވަނީ ޤަޠަރަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ކާބުލްގައި ހުންނަ އެމެރިކާއާއި އިނގިރޭސިވިލާތުގެ އެންބަސީތައް ހިމެނެއެވެ.