މުނިފޫހިފިލުވުން

ބިގްބޮސްގެ ތަރި ސިދާތް ޝުކްލާ މަރުވެއްޖެ


މަޝްހޫރު ޓީވީ އެކްޓަރ އަދި ބައެއް ފިލްމުތަކުންވެސް ފެނިފައިވާ ސިދާތް ޝުކްލާ މަރުވެއްޖެއެވެ. އުމުރުން 40 އަހަރުގެ ސިދާތް މިއަދު ހެނދުނު މަރުވެފައިވަނީ ހާޓްއެޓެކެއް ޖެހިގެންކަމަށް އޭނާ ބެލި އިންޑިއާގެ ކޫޕަރ ހޮސްޕިޓަލުގައި ބުނެއެވެ.

ސިދާތަށް ޖެހިފައިވަނީ ވަރަށް ނުރައްކާތެރި އެޓޭކެއް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. އެނާ ހޮސްޕިޓަލަށް ގެންދިޔައީ މަންމައާއި ދެ ދައްތަކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ސިދާތް ވަނީ 'ބިގް ބޮސް' ސީޒަން 13 ޓައިޓްލް ޙާޞިލްކޮށްފައެވެ. ސިދާތް އެންމެފަހުން ފެނިފައިވަނީ ލޯބިވެރިޔާކަމަށް އަޑުތައް އަރާފައިވާ ޝެހެނާޒް ގިލް އާއިއެކު 'ޑާންސް ދިވާނާ 3' ގައެވެ.

ޓީވީ ސީރީޒް "ބަލިކާ ވަދޫ" އިން މަޝްހޫރުކަން ހޯދާފައިވާ ސިދާތް ވަނީ ހިންދީ ފިލްމު "ހަމްޕްޓީ ޝަރުމާކި ދުލްހަނިޔާ" އިންވެސް ފެނިފައެވެ. އަދި އެއީ ސިދާތްގެ ފުރަތަމަ ފިލްމުވެސް މެއެވެ.