ކުޅިވަރު

ފަރަންސޭސިވިލާތާއި ބޮސްނިއާ ހައްޒަގޮވީނާ މެޗް އެއްވަރު


ވާރލްޑް ކަޕް ކޮލިފައިންގައި ޔޫރަޕްގެ ސަރަހައްދުގެ ގްރޫޕް ޑީގައި ފަރަންސޭސިވިލާތާއި ބޮސްނިއާ ހަރޒަގޮވީނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ފަރަންސޭސިވިލާތުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާފައިވަނީ ބޮސްނިއާގެ އެޑިން ޒެކޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ފަރަންސޭސި ޓީމްގެ އެންޓޮއިން ގްރީޒްމަން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ގްރީޒްމަން ޖެހި ލަނޑު ގޯލް ރޮނގު ހުރަސްކުރިތޯ ބަލާފައިވަނީ ވިއޭއާރު ބޭނުންކޮށްގެންނެވެ. މީގެއިތުރުން މެޗްގެ 51 ވަނަ މިނެޓްގައި ފަރަންސޭސި ޓީމުގެ ޜޫލްސް ކޮއުންޑަރ ކުރި ނުރައްކާތެރި ފައުލް އަކާއި ގުޅިގެން އޭނާއަށް ރަތްކާޑު ދައްކާ ދަނޑު ފޮނުވާލެވުނެވެ. މިފައުލް ކޮއުންޑަރ އެންމެ ފުރަތަމަ ކުރުމުން ރެފްރީ ދައްކާފައިވަނީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރީނދޫ ވަނީ ރަތަށް ބަދަލުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފަރަންސޭސި ޓީމުގެ ކޯޗް ޑިޑިއަރ ޑޭޝޯމްޕް ހާމަކުރިގޮތުގައި މެޗްގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއި އެކު ކުޅެން ޖެހުމުން އުނދަގޫ ވި ކަމަށާއި އަދި ލަނޑު ޖަހާނެ ފުރުސަތުވެސް އެޓީމަށް މިމެޗްގައި ލިބިގެންދިޔަ ކަމަށް އޭނާ ހާމަކުރިއެވެ.

މިމެޗް އެއްވަރު ވުމުން ފަރަންސޭސިވިލާތް މިހާރު އުޅެނީ ގްރޫޕް ޑީ ގައި ކުޅުނު ހަތަރު މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގާ އުޅޭ ޔޫކްރެއިން އާއި ކަޒަކިސްތާން ރޭ ބައްދަލުކުރިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. ޔޫކްރެއިން ދެވަނައިގައި އޮތީ ހަތަރު މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކުއެވެ.