މުނިފޫހިފިލުވުން

ބިގްބޮސްގެ ތަރި ރުބިނާ ޑްރާމާތައް ދޫކޮށް ބޮލީވުޑަށް


"ބިގް ބޮސް" ގެ އެންމެފަހުން ކާމިޔާބުކުރި ރުބިނާ ދިލައިކް ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ މަސައްކަތް ފަށައިފިއެވެ. "އަރްދު"ގެ ނަން ދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ޕަލަޝް މުއްޗަލްއެވެ. މިއުޒިކް އުފެއްދުމާއި ލަވަކިޔުމުން މަޝްހޫރުކަން ހޯދާފައިވާ ޕަލަޝްގެ މި ފިލްމަކީ އެނާވެސް ޑައިރެކްޓަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ތައާރަފުވާ ފިލްމެވެ. ޑައިރެކްޓްކުރުމުގެ އިތުރުން ފިލްމުގެ ވާހަކަވެސް ލިޔެފައިވަނީ ޕަލަޝްއެވެ.

މި ފިލްމުގެ ޝޫޓިންތައް އިއްޔެ ފެށި ނަމަވެސް ފިލްމު ސްކްރީނަށް އަންނާނެ ތާރީހަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެއް ނެތެވެ. އެހެންނަމަވެސް ފިލްމުގެ ފުރަތަމަ ލުކް މި ވަނީ ރުބީނާ އެނާގެ ފޭނުންނަށް ދައްކާލާފައެވެ.

ރުބިނާގެ އިތުރުން ދެން މި ފިލްމުގެ ކާސްޓުންގެ ޓީމުގައި ހިމެނެނީ ރާޖްޕަލް ޔާދަވާއި ހިތެން ތޭދްވާނީ އާއި ކުލްބުޝަން ކަރްބަންދާއެވެ.

"ބިގްބޮސް" ގެ ކާމިޔާބީއަށް ފަހު ރުބީނާ އެންމެފަހުން މަސައްކަތް ކުރަމުން އަންނަނީ ޓީވީ ސީރީޒް "ޝަކްތީ- އަސްތިތިވޭ ކޭ އެހްސާސް" ގައެވެ. އަދި ބިގް ބޮސްއަށް ފަހު ރުބީނާއާއި އޭނާގެ ފިރިމިހާ އަބީނާވް ޝުކްލާވަނީ ލޯބީގެ ލަވަޔަކުންވެސް އެކުގައި ފެނިގެން ގޮސްފައެވެ.