ޚަބަރު

އެމްޑީޕީގެ އިންތިޚާބު : މަޚުލޫފަށް ވާދަނުކުރެވޭނެކަމަށް ކަނޑައެޅި ޝަރުޠު ޤަވާއިދާ ޚިލާފު - އީސީ


ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފަށް ވާދަނުކުރެވޭނެކަމަށް ކަނޑައެޅި ޝަރުތު ސިޔާސީ ޕާޓީތަކުގެ ޤަވާއިދާ ޚިލާފުކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަނުން މިގޮތަށް އަންގާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިނިސްޓަރ މަޚުލޫފަށް ނުދިނުމުން އެކަމުގެ ޝަކުވާ އޭނާގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުންނެވެ. މިނިސްޓަރ މަޚުލޫފް މިރޭ ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެވޭނެކަމަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް، އެމްޑީޕީގެ އަސާސީ ޤަވައިދުގައި ހިމެނިފައިވާ ޝަރުތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިނިސްޓަރ މަޚުލޫފާއި އެމްޑިޕީއަށް އަންގާފައިވަނީ އިންތިޚާބުގައި ބައިވެރިނުކުރުމުގެ އެފަދަ އެއްވެސް ޝަރުތެއް ކަނޑައެޅޭނީ ސިޔާސީ ޕާޓިތަކުގެ ޤާނޫނުގައި ވާގޮތުގެމަތިން، ޕާޓީގެ އަސާސީ ގަވައިދު އިސްލާހުކޮށްގެން ނުވަތަ އަސާސީ ޤަވައިދުގެދަށުން ބާރުލިބިގެން ހަދާ ޤަވައިދެއްގެ ދަށުންކަމަށެވެ.

އެމްޑީޕީން މިނިސްޓަރ މަޚުލޫފަށް ފުރުޞަތު ނުދޭން ނިންމީ އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ނިންމި ނިންމުމުގެ ތެރެއިްނނެެވެ،

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީންވަނީ ބުނެފައެވެ.

މަޚްލޫފްގެ މައްޗަށް ދައުވާކުރަން ހުށާއަޅާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން އޭސީސީން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފްއަށް ލިބިފައިވާކަން ފާހަގަކުރެވިގެން އޭނާގެ މައްޗަށް ދަޢުވާކުރުމަށް މިދިޔަ ޖޫން މަހުގެތެރޭގައި ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ، ނަމަވެސް މިމައްސަލައިގަ އޭނާގެ މައްޗަށް ދަޢުވާކުރުމާއިމެދު ޕީޖީ އޮފީހުން އަދި ވަކިގޮތެއް ނިންމާފައެއްނުވެއެވެ.

ނަމަވެސް މި މައްސަލައިގައި މަޚްލޫފްވަނީ އޭނާ ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށްވިދާޅުވެ، އެކަމާބެެހޭ ލިޔެކިއުންތައްވެސް ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ.