20 އަހަރުދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި އެމެރިކާއަށް ޙާޞިލްކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވެ ރަޝިޔާގެ ރައީސް ވުލްޑުމީރް ޕުޓިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަފްޣާނިސްތާނުގެ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުވެސް އެމެރިކާގެ ސިޔާސަތުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެވަޑައިގެންނެވިކަމަށެވެ. އެ ގޮތުން އެމެރިކާއިން މަސައްކަތްކޮށްފައިވަނީ އަފްޣާނިސްތާނުގެ ޙާލަތު ދެނެގަތުމުގެ ބަދަލުގައި އެމެރިކާގެ ސިޔާސަތުތަކާއި ވިސްނުންތައް އަފްޣާނިސްތާނުގައި ތަންފީޒުކުރުމަށްކަމަށާއި އޭގެ ނަތީޖާ ވަރަށް ހިތިކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމެރިކާއިން ބޭނުންވާ ސިޔާސަތުތަކެއް ތަންފީޒުކުރަން މަސައްކަތްކުރުމުން ބޮޑު މުސީބާތަކާ އަފްޣާނިސްތާނުން ކުރިމަތިލާންޖެހިފައިވާކަމަށާއި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ރަޝިޔާގެ ސަލާމަތީ މާހިރުންވަނީ އަފްޣާނިސްތާނުގައި އުފެދޭ ހަމަނުޖެހުންތައް ކައިރި ޤައުމުތަކަށް ފެތުރިދާނެކަމުގެ ނުރައްކާތެރިކަން ބޮޑުކަމަށް ބުނެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މެދުތެރޭ އޭޝިޔާގައި ދީނީގޮތުން ޙައްދުފަހަނައެޅުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވާނެކަމަށް ބައެއް މާހިރުންވަނީ ލަފާކޮށްފައެވެ.