ކުޅިވަރު

ބާސެލޯނާގެ އެމަރސަން ސްޕަރސްއަށް


ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރ އެމަރސަން ރޮޔާލް އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރއަށް ސޮއިކޮށްފިއެވެ. އޭނާ ސްޕަރސްއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 30 މިލިއަން ޔޫރޯއަށެވެ.

ވެތުވެދިޔަ ދެސީޒަންގައި ރެއާލް ބެޓިސްއަށް ކުޅެމުންދިޔަ އެމަރސަން ބާރސާއަށް ގެނައުމަށް އެކްލަބުންވަނީ ދެކްލަބްގެ ދެމެދުގައިވެފައިވި އެއްބަސްވުމުގެ ދަށުން 9 މިލިއަން ޔޫރޯ ދައްކާފައެވެ. އެމަރސަންވަނީ ބެޓިސްއަށް 79 މެޗް ކުޅޭދީ ފަސް ލަނޑު ޖަހާދީފައެވެ. އެމަރސަންވަނީ އެންމެފަހުން ބޭއްވި ކޮޕާ އެމެރިޚާ މުބާރާތުގައި ބްރެޒިލްއަށް ކުޅެފައެވެ. އެމަރސަންއަށް މިހާރު ޖެހޭނީ ފުރަތަމަ އެގާރައިން ޖާގަހޯދުމަށް ޖަޕެޓް ޓަންގަންގާ އާއި މެޓް ޑޮހަރޓީ އާއި ވާދަކުރާށެވެ.
މީގެއިތުރުން ސްޕަރސްގެ ސަރޖީ އައުރިއަރވަނީ ސްޕަރސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާ އެކްލަބް ދޫކޮށްލާފައެވެ. އައުރިއަރ ސްޕަރސްއަށް ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރު 23 މިލިއަން ޕައުންޑްގެ ފީއަކަށް ޕީއެސްޖީއިންނެވެ. އަދި މިހާތަނަށް ވަނީ 110 މެޗް ސްޕަރސްއަށް ކުޅެދީފައެވެ. ނަމަވެސް މިހާރު އޭނާއަށް ފުރަތަމަ އެގާރައިން ޖާގަ ލިބުންވަނީ ދަތިކަމަކަށް ވެފައެވެ.