ކުޅިވަރު

ރެން އަށް ކުޅޭ ކަމަވިންގާ ރެއާލްއަށް


ފްރެންޗް ލީގު އާންގެ ރެން އަށް ކުޅެމުންދާ ޒުވާން ކުޅުންތެރިޔާ އެޑުއާޑޯ ކަމަވިންގާ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ. މައުލޫމާތުލިބިފައިވާގޮތުގައި ކަމަވިންގާ ރެއާލްއަށް ބަދަލުވެފައިވަނީ ހަ އަހަރުގެ އެއްބަސްވުމެއްގެދަށުންނެވެ.

އުމުރުން 18 އަހަރުގެ ކަމަވިންގާ ރެންއާއެކު ހަދާފައިވާ އެއްބަސްވުން މިއަންނަ އަހަރު ނިމުމަކަށް އަންނައިރު އެކްލަބުން އޭނާ ފްރީ ޓްރާންސްފަރއެއްގައި ދޫކޮށްލަން ބޭނުންނުވާތީ މިސީޒަންގައި އޭނާ ދޫކޮށްލަން ނިންމީއެވެ. ކަމަވިންގާ ވަނީ ފަރަންސޭސިވިލާތުގެ ކްލެއަރފޮންޓައިންގައި މެޑިކަލްވެސް ހަދާފައެވެ. 2019 ވަނަ އަހަރުގެ އެޕްރީލްމަހު ކަމަވިންގާ ވެފައިވަނީ ރެން އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އެއީ އޭނާގެ އުމުރުން 16 އަހަރާއި ހަތަރު މަހުގައެވެ. އަދި މާގިނަ ދުވަހެއް ނުވެ އޭނާ ވެގެން ދިޔައީ ރެންގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަހޯދި ކުޅުންތެރިއާއަށެވެ. އަދި 1914 ވަނަ އަހަރަށްފަހު ފަރަންސޭސި ޤައުމީ ޓީމުން ޖާގަހޯދި އެންމެ ޒުވާން ކުޅުންތެރިޔަކީވެސް ކަމަވިންގާއެވެ. މިގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރގައި ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ވަނީ ކުޅެފައެވެ.

ކަމަވިންގާ ވެފައިވަނީ ރެއާލްއިން މިސީޒަންގައި ސޮއި ކުރި ދެވަނަ ކުޅުންތެރިޔާއަށެވެ.