ޚަބަރު

އަފްޣާނިސްތާނުގެ މައްސަލާގައި އދން ޤަރާރެއް ފާސްކޮށްފި


އަފްޣާނިސްތާނުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ.

އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ އަފްޣާނިސްތާނުން ދާން ބޭނުންވެފައިވާ އެންމެން އެ ޤައުމުން ދިޔުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހޭނެކަމަށެވެ. ނަމަވެސް ފަރަންސޭސިވިލާތުން ބޭނުންވި ގޮތަށް އަފްޣާނިސްތާނުގައި ރައްކާތެރި ސަރަޙައްދެއް ޤާއިމުކުރުމަށް އެ ޤަރާރުގައި ބާރުއަޅައިފައެއް ނުވެއެވެ. އެ ޤަރާރުގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ ރައްތިތުންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ސިޔާސީ ހަމަޖެހުން ޤާއިމުކޮށް ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތަށް ގޮވާލައިކަމަށެވެ. ނަމަވެސް ޠާލިބާނުން އެ ގޮތަށް އަމަލުނުކޮށްފިނަމަ ސަލާމަތީ މަޖިލީހުން އަޅާނެ ފިޔަވަޅެއް އެ ޤަރާރުގައި ފާހަގަކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވަނީ 13 މެންބަރު ޤައުމުގެ ވޯޓުންނެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ރަޝިޔާއާއި ޗައިނާއިންވަނީ ވޯޓުގައި ބައިވެރިވުމަށް ދެކޮޅުހަދައިފައެވެ. އެ ޤަރާރު ފާސްކޮށްފައިވަނީ 20 އަހަރުފަހުން އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ހުރިހާ ފައުޖުތަކެއް އަފްޣާނިސްތާނުން ފައިބައިފައިވާ ދަނޑިވަޅެއްގައެވެ.