ޚަބަރު

20 އަހަރުފަހުން ބޭރުގެ ފައުޖުތައް ފޭބުމުން އަފްޣާނިސްތާނަށް އުފާވެރިކަން


20 އަހަރުފަހުން އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ހުރިހާ ފައުޖުތަކެއް އަފްޣާނިސްތާނުން ފައިބައިފިއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެމެރިކާއާއި ނޭޓޯގެ ފައުޖުތައް ޙަރަކާތްތެރިވެފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި އެކަންޏެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކާބުލްގެ ވައިގެ ބަނދަރު ބޭނުންކޮށްގެން އެމެރިކާއާއި ނޭޓޯގެ ފައުޖުތަކުންވަނީ 123,000 މީހުން ސަލާމަތްތެރިކަމާއެކު ޤައުމުން ބޭރަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އެމެރިކާއާއި ނޭޓޯގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެ މީހުންގެ ޢާއިލާތަކާއި ބޭރު ޤައުމުތަކުގެ ޚާރިޖީ މުވައްޒަފުންނާއި ވިޔަފާރިވެރިން ހިމެނެއެވެ.

އެމެރިކާއާއި ނޭޓޯގެ ހުރިހާ ފައުޖުތަކެއް އަފްޣާނިސްތާނުން ގޮސްފައިވަނީ އޮގަސްޓު 30ވަނަ ދުވަހުގެ މެންދަމު ބާރަޖެހުމުގެ އެއް މިނެޓުކުރިންނެވެ. އެއާއެކު އަފްޣާނިސްތުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުންވަނީ ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވެފައެވެ. އަދި އަފްޣާނިސްތާނުން ފޭބިކަން އެމެރިކާއިން ރަސްމީކޮށް އިޢުލާންކުރުމުން ވެރިރަށް ކާބުލްގައި ދިރިއުޅޭ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ އުފާފާޅުކޮށް ޖައްވަށް ބަޑިޖަހައިފައެވެ.

ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ގޮސްފައިވަނީ ޤައުމު ދޫކޮށް ދާންބޭނުންވެފައިވާ 10،000އަށްވުރެ ގިނަ މީހުން ބޭތިއްބުމަށްފަހުއެވެ. އޭގެ ތެރޭގައި އެމެރިކާއާއި ވިލާތުގެ ރައްޔިތުންނާއި އެ ޤައުމުތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައިވާ އެތައް ހާސް އަފްޣާނިސްތާނުގެ ރައްޔިތުން ހިމެނެއެވެ.

20 އަހަރުދުވަހު އެމެރިކާއާއި ނޭޓޯއިން އަފްޣާނިސްތާނުގައި ކުރި ގެއްލުންބޮޑު ހަނގުރާމައިގެ ލަނޑުދަނޑިތައް ޙާޞިލްކުރެވިފައެއް ނުވެއެވެ. އެ ގޮތުން ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުގެ އިތުރުން އަލްޤައިދާގެ ބާރުވެސްވަނީ އެ ޤައުމުގައި އިތުރަށް ވަރުގަދަވެފައެވެ.

އެމެރިކާއިން ކުރި އެންމެ ދިގު ހަނގުރާމައަށް އެ ޤައުމުންވަނީ ދެ ޓުރިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައެވެ. އެ ހަނގުރާމައިގައި އެމެރިކާގެ 2،500 ސިފައިންނާއި 240،000އަށްވުރެ ގިނަ އަފްޣާނިސްތާނުގެ ޢާންމުންވަނީ މަރުވެފައެވެ.