ކުޅިވަރު

ޔޫއެސް އޯޕަންގެ ދެވަނަ ބުރުން ސިޓްސިޕާސް ޖާގަހޯދައިފި


އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ސްޓޭފަނޯސް ސިޓްސިޕާސް ޖާގަހޯދައިފިއެވެ. ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ ސިޓްސިޕާސް މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި އިނގިރޭސިވިލާތުގެ އެންޑީ މަރީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ވަނީ ފަސް ސެޓަށް ދެމިގެން ގޮސްފައެވެ. އަދި ސިޓްސިޕާސް މިމެޗްގައި ކުރި ހޯދީ 3 ސެޓް 2 ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް މަރީ ދޭއް ހަޔަކުން ގެންގޮސްފައިވަނިކޮށް ދެވަނަ ސެޓް ވަނީ ސިޓްސިޕާސް ހަތެއް ހަޔަކުން ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓް ތިނެއް ހަޔަކުން މަރީ ކާމިޔާބުކޮށް މެޗްގައި އެއް ސެޓްގެ ލިޑު ނެގި ނަމަވެސް ސިޓްސިޕާސް ވަނީ ޖެހިގެން އައި ދެސެޓް ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށްފައެވެ. މިއީ އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތި ލުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ މަރީގެ ފަރާތުން ވޭތިވެދިޔަ ހަތަރ ުއަހަރުގެ ތެރޭގައި ފެނިގެންދިޔަ އެންމެ މޮޅު ކުޅުމެވެ. އަދި މިމެޗުން ބަލިވި ނަމަވެސް ކުރިއަށް ހުރި މުބާރާތްތަކަށް މިމެޗުން އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިމުބަރާތުގެ ފިރިހެނުންގެ ބަޔަށް ބަލާލާއިރު ފަސްވަނައަށް ސީޑު ކުރެވިފައިވާ އަންދްރޭ ރުބްލޭވް އާއި 42 އަހަރުގެ އީވޯ ކާރލޮވިޗް ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ރުބްލޭވްއެވެ. އެއީ ހައެއް ތިނެއް، ހަތެއް ހަޔެއް އަދި ހައެއް ތިނަކުންނެވެ. ދެވަނަ ބުރުގައި ރުބްލޭވް ބައްދަލުކުރާނީ ސްޕެއިންގެ ޕެޑްރޯ މާޓިނޭޒްއާއެވެ.