ކުޅިވަރު

2027 ގެ ނިޔަލަށް ސިޓީގައި މަޑުކުރަން ޑިއޭޒް ނިންމުން


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގައި 2027 ގެ ނިޔަލަށް މަޑުކުރަން ޕޯޗުގަލްގެ ޑިފެންޑަރ ރުބެން ޑިއޭޒް ނިންމާ ކޮންޓްރެކްޓް އާކޮށްފިއެވެ. އުމުރުން 24 އަހަރުގެ ޑިއޭޒް ސިޓީއަށް ސޮއިކޮށްފައިވަނީ މިދިޔަ އަހަރު 65 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

ސިޓީއަށް މިދިޔަ ސީޒަންގައި ޑިއޭޒް އައުން ވެގެން ދިޔައި އެޓީމަށް ދިމާވެފައިވި ޑިފެންސްގެ ބަލިކަށިކަން ނިމުމަކަށް ގެނުވާ އެޓީމުގެ ޑިފެންސް ވަރުގަދަ ވެގެން ދިޔަ ކަމަކަށެވެ. ޑިއޭޒް ވަނީ ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޕްރިމިއަރ ލީގުގެ ޕްލެޔަރ އޮފް ދި ސީޒަންގެ މަގާމް ހޯދާފައެވެ. ޑިއޭޒް ބުނީ ސިޓީއަށް ކުޅުން ވެފައިވަނީ އޭނާ ދުވަހަކުވެސް އުންމީދު ނުކުރާވަރުގެ ފެންވަރުގެ ކަމަކަށް ކަމަށާއި ސިޓީ ޓީމުގައި ހިމެނުން ވެފައިވަނީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްކަމަށެވެ.

ސިޓީއަށް މިހާތަނަށް 50 މެޗް ކުޅެދީފައިވާ ޑިއޭޒްއަށް ވަނީ ޗެމްޕިއަންސް ލީގުގެ މިދިޔަ ސީޒަންގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމްވެސް ލިބިފައެވެ. އަދި މިހާރު ބޭނުންވަނީ މިދިޔަ ސީޒަނަކޭ އެއްގޮތަށް ސިޓީއާއެކު ކާމިޔާބު ސީޒަނެއްގެ ހިއްސާއަކަށް ވާން ކަމަށާއި އެކްލަބަށް ލިބެން އޮތް ހުރިހާ ކާމިޔާބީއެއް ހޯދައިދިނުމުގައި އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކޮށް ދޭނެކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން އޭނާ މިދިޔަ ސީޒަންގައި ދެއްކި މޮޅުކުޅުން ދެއްކުމަށް ހިތްވަރު ދީ އިތުރަށް ކުޅުން ރަނގަޅު ކުރުމަށް ބާރު އަޅާފައިވާތީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ވެސް ޑިއޭޒް ވަނީ ޝުކުރު އަދާކޮށްފައެވެ.