ވިޔަފާރި

އިސްލާމިކް ބޭންކުން 'އެމްއައިބީ ގްލޯބަލް ޕޭ' ލޯންޗުކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަރނެޓް ޕޭމަންޓް ގޭޓްވޭ 'އެމްއައިބީ ގްލޯބަލް ޕޭ' ލޯންޗުކޮށްފިއެވެ.

މި ގޭޓްވޭއިން ފައިސާގެ މުއާމަލާތްތައް ކުރުމަށް ބައިނަލްއަޤްވާމީ ކާޑުތައް ބޭނުންކުރެވޭނެކަމަށް މޯލްޑިވްސް އިސްލާމިކް ބެންކުން ވިދާޅުވެއެވެ.

އެމްއައިބީ ގްލޯބަލް ޕޭގައި ބޭނުންކުރަނީ އީ- ކޮމާސްގެ ދާއިރާގައި ފުންނާބުއުސް ކުންފުންޏެއް ކަމަށްވާ މާސްޓަރކާޑް ޕޭމަންޓް ގޭޓްވޭ ސަރވިސްއެވެ. އެގޮތުން މި ގޭޓްވޭއަކީ ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗަރތަކެއް ހިމެނޭ ގޭޓްވޭއެއް ކަމަށްވެސް އިސްލާމިކް ބޭންކުން މައުލޫމާތުދެއެވެ.

އެމްއައިބީ ގްލޯބަލް ޕޭއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އިސްލާމިކް ބޭންކުގެ ޕީއާރު އޮފިސަރ އަޙްސަން ޖަމީލް ވިދާޅުވީ މި ގޭޓްވޭ މެދުވެރިކޮށް މަހު ފީ ދައްކަންޖެހޭ ޙިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރު ވަކި ވަކިން ކޮންމެ މަހަކު މެނުއަލީ ފައިސާ ދައްކަން ޖެހުމުގެ ބަދަލުގައި އޮޓަމެޓިކުން ކޮންމެ މަހެއްގެ ފީވެސް ކަސްޓަމަރުގެ އެކައުންޓުން ކެނޑޭގޮތް ހެދޭނެ ކަމަށެވެ.

"މި ޕޭމަންޓް ގޭޓްވޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗަރއަކީ ރިކަރަންޓް ޕޭމަންޓް ފީޗަރ، މި ފީޗަރ ބޭނުންކޮށްގެން މަހު ފީ ދައްކާ ފަރާތްތަކަށް ކުންފުންތަކުން، ކަސްޓަމަރ ކޮންމެ މަހަކު މެނުއަލީ ޕޭ ނުކުުރިއަސް އޮޓޯއިން އެ ޕޭމަންޓް ކެނޑޭގޮތަށް މި ފީޗަރ އެނޭބަލް ކުރެވިދާނެ،" އަހްސަން ވިދާޅުވިއެވެ.

މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓުތަކުން 'އެމްއައިބީ ގްލޯބަލް ޕޭ' މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް އިސްލާމިކް ބޭންކުން ހާމަކުރެއެވެ.

އިސްލާމިކް ބޭންކުން ދޭ ޙިދުމަތްތަށް ފުޅާކުރުމަށް އެބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ވިސާ ޑެބިޓް ކާޑުވެސް ތައާރަފްކޮށްފައެވެ.