ވިޔަފާރި

ދިވެހި ޕައިލެޓުން ހޯދުމަށް އެއަރލައިންތަކަށް ދަތިތަކެއް!


ރާއްޖޭގައި ފަތުވެރިކަން ކުރިއަރާފައިވާ މިންވަރާއެކު، ގިނަ އެއަރލައިންތަކާއި ސީޕްލޭންތައް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ނަމަވެސް އެތަންތަނަށް ބޭނުންވާ ދިވެހި މުވައްޒަފުން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އޮޕަރޭޓަރުން ބުނެއެވެ.

ވިލާއެއަރއަކީވެސް ރާއްޖޭގެ ވައިގެ ސިނާއަތުގައި ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ ކުންފުންޏަކަށްވާއިރު، އެ އެއަރލައިންގައި މަސައްކަތްކުރަނީ 100 އިންސައްތަ ދިވެހި ޕައިލެޓުންނެވެ. އަދި ވިލާ އެއަރއިން ވަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ޕައިލެޓުންވެސް އުފައްދާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިލާއެއަރ އިން ވިދާޅުވީ، ތަޖުރިބާ ހުރި ދިވެހި ޕައިލެޓުން ހޯދުމަށް އަބަދުވެސް އުނދަގޫކަމަށެވެ. އަދި މިއީ ވަރަށް ޕްރޮޕެޝަނަލް ދާއިރާއަކަށް ވުމާއިއެކު މުޅި ދުނިޔޭގައިވެސް ތަޖުރިބާހުރި މީހުން ހޯދަން އުނދަގޫކަމަށް އެ އެއަރލައިން ބުނެއެވެ.

އެންމެ ފަހުން ރާއްޖޭގެ އޭވިއޭޝަން ސިނާއަތައް ނިކުތް މަންޓާ އެއަރއިން ބުނެފައިވަނީ އެ އެއަރލައިންއަށްވެސް ދިވެހި ޕައިލެޓުންނާއި ކްރޫއިން ހޯދުމަށް އުނދަގޫވެފައިވާކަމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ރާއްޖޭގައި އެއަރލައިންތައް ގިނަވެ ރާއްޖޭގައި ތަމްރީންވެފައި މީހުން ނެތުންކަމަށެވެ.

މަންޓާ އެއަރއިން ވަނީ ސީޕްލޭން ޚިދުމަތްވެސް ދޭއިރު ސީޕްލޭން އޮޕަރޭޓްކުރާ ޕައިލެޓުންނަށްވެސް އޮތް ޑިމާންޑް ވަނީ ބޮޑުވެފައެވެ.

ގައުމީ އެއަރލައިން މޯލްޑިވިއަންގައި ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން މަސައްކަތްކުރާއިރު މޯލްޑިވިއަނުން ބުނީ މިހާރުވެސް އެ އެއަރލައިނުން ދިވެހި ޕައިލެޓުން ހޯދުމަށް އިއުލާނުކޮށްފައިވާކަމަށެވެ. ނަމަވެސް އެ އެއަރލައިންއަށްވެސް ތަޖުރިބާހުރި ދިވެހި ޕައިލެޓުން ހޯދުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައިކަމަށް އެ ކުންފުނިންވެސް ބުނެއެވެ.

ޕައިލެޓުން ލިބުމަށް ގޮންޖެހުންތަކެއް ހުރިއިރު އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓުކަން ކިޔަވަމުންދާ ކުދިންނަށްވެސް ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައިވެއެވެ. އައްޑޫ ސިޓީގައި ކުރިން ހިންގަމުދިޔަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ މައްސަލަ ބޮޑުވެ މިތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ އެތަނުގެ ދަރިވަރުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިތަނާއި މެދު ސަރުކާރުންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ހިންގަމުން އައި އައްޑޫ ފްލައިން ސްކޫލަކީ 2010 އިން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ. އެތަނުގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ފްލައިން ސްކޫލެއް ހިންގުމަށްވެސް މިހާރު ވަނީ ތައްޔާރުވެފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންކަމަށާއި، އެތަން ހިންގާނީ މިނިވަންކަމާއެކުކަމަށެވެ.