ކުރީގެ ރައީސް، ޢަބްދުﷲ ޔާމީނު ޢަބުދުލްޤައްޔޫމުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވި ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފިއެވެ.
މި ބައްދަލުވުމުގައި މި ޓީމުގެ މައިގަނޑު ކަންބޮޑުވުންތައް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.
އެގޮތުން މިހާރު މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި 3 ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް މި ޓީމުގެ ބޭފުޅުން ތުހުމަތު ކުރެއްވިއެވެ.
އަދި އެފަދަ އޯޑިއޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވަނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވަނީ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުގެ އޯޑިޔޯތައް ވެސް ހުރިކަމަށް ވިދާޅުވެ ޚާއްޞަކޮށް ރައީސް ޔާމީނުގެ ސަރީއަތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިއޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެއްލެވުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވިއެވެ.
މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިއޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވިއެވެ.