ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އާސިފް އައްޔަންކުރުމަށް ރުހުންދީފި


އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް އެކޮމިޝަނުގެ އިސް މަޤާމުތަކެއް ކުރިން އަދާކުރެއްވި މުޙައްމަދު އާސިފް (އިރުވައި އާސިފް) ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގުނު ވޯޓުގައި އިލެކްޝަންސް ކޮމިޝަނަށް އާސިފް އައްޔަންކުރަން ރުހުން ދެއްވާފައިވަނީ 50 މެމްބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.

ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 5 ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުވާފައެވެ. ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018ވަނަ އަހަރުގެ މާޗް މަހުގެ 6ވަނަ ދުވަހުއެވެ.