ކުޅިވަރު

މެސީ ޕީއެސްޖީއަށް ފުރަތަމަ މެޗް ކުޅެފި


ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ލައޮނެލް މެސީ، އޭނާގެ އާ ކްލަބްކަމަށްވާ ފްރެންޗް ލީގު އާންގެ ޕީއެސްޖީއަށް ފުރަތަމަ މެޗް ކުޅެދީފިއެވެ. މެސީ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗަށް ވެގެން ދިޔައީ ލީގު އާންގައި ރޭ ރެއިމްސް އާއި ބައްދަލުކޮށް މޮޅުވި މެޗެވެ.

މިއީ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާގައި މުޅި އުމުރު ހޭދަކޮށްފައިވާ މެސީ ބާރސާ ނޫން އެހެން ކްލަބަކަށް ކުޅުނު ފުރަތަމަ ފަހަރެވެ. ރެއިމްސް އާއި ދެކޮޅަށް ކުޅުނު މެޗްގައި މެސީ ކުޅެން އަރުވާފައިވަނީ މެޗްގެ 66 ވަނަ މިނެޓްގައި އޭނާގެ ގާތް އެކުވެރިޔާ ނޭމާގެ ބަދަލުގައެވެ. އަދި އޭނާ ދަނޑަށް އެރުމާއެކު ސަޕޯޓަރުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މީގެތެރޭގައި އިދިކޮޅަށް ކުޅޭމުންދިޔަ ރެއިމްސްގެ ސަޕޯޓަރުން ވެސް ހިމެނިގެންދިޔަކަން ފާހަގަ ވިއެވެ. މިމެޗް ޕީއެސްޖީން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. މިމެޗްގައި ޕީއެސްޖީން ޖެހި ދެލަނޑުވެސް ޖަހައިދިނީ ފަރަންސޭސި ފޯވަޑް ކިލިއަން އެމްބާޕޭއެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗްގެ 16 ވަނަ މިނެޓްގައި ޖަހައިދިން އިރު ފަހު ލަނޑު އޭނާ ޖަހައިދީފައި ވަނީ 63 ވަނަ މިނެޓްގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ އަދި މުޅިން ފިޓް ނުވާކަމަށާއި ނަމަވެސް އޭނާ އަންނަނީ ވަރަށް ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހާފްތާއެއްގެ ތެރޭގައި މެސީ ފުރަތަމަ އެގާރައިން ފެންނަން ފަށާނެ ކަމަށް ޕޮޗެޓީނޯ ބުންޏެވެ. ރޭގެ މެޗްގައި މެސީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައިކަމަށާއި އޭނާ ފުރަތަމަ މެޗް ކުޅުން ވަރަށް މުހިންމު ކަމަށާއި މެސީވެސް ހުރީ ވީހާވެސް އަވަހަކަށް ފުރަތަމަ މެޗް ކްލަބަށް ކުޅެން ބޭނުންވެފައެވެ. ހަމައެކާއެކު ފުރަތަމަ ބޯޅައައާއެކު އޭނޭގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށާއި އޭނާގެ ފަރާތުން ކްލަބަށް އިތުރު ހިތްހަމަޖެހުމެއް ގެނުވި ކަމަށް ކޯޗު ބުންޏެވެ.