ކުޅިވަރު

ބެންފޯޑްގެ ލަނޑުން ލީޑްސް އަށް ޕޮއިންޓެއް


އިނގިރޭސި ލީގުގައި ޕެޓްރިކް ބެންފޯޑް ކާމިޔާބުކުރި ލަނޑާއެކު ލީޑްސް ޔުނައިޓެޑަށް ޕޮއިންޓަކުން ފުއްދާލަންޖެހިއްޖެއެވެ. ބާންލީގެ ޓާފް މޫރްގައި ކުޅުނު މެޗުން ލީޑްސް އެއްވަރުވީ ބާންލީއާ ވާދަކޮށް 1-1 ލަނޑުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ބާންލީގެ ކްރިސް ވޫޑް ކާމިޔާބުކުރި ލަނޑުން މޮޅުވާން ދަނިކޮށް ލީޑްސް ޔުނައިޓަށް ބެންފޯޑް ނަތިޖާ ހަމަހަމަ ކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. މިއީ މި ސީޒަންގައި ބެންފޯޑް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ހުސްވި ސީޒަންގައި ބެންފޯޑް ވަނީ ލީޑްސްއަށް ލީގުގައި 17 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ހަފްތާގައި އިންގްލޭންޑް ކުޅެން ހަމަޖެހިފަވާ ވޯލްޑްކަޕް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުން ބެންފޯޑް ފުރުސަތު ހޯދި އިރު ބެންފޯޑް ވަނީ ދާދިފަހުން ލީޑްސް ޔުނައިޓެޑާ އެކު ދިގު މުއްދަތެއްގައި އެކުލަބުގައި މަޑުކުރަން ސޮއިކޮށްފައެވެ.

ހުސްވި ޖެނުއަރީ މަހު ފަހުން މެޗަކުން މޮޅެއް ނުވާ ބާންލީ ރޭގެ މެޗު އެއްވަރުވުމުން އަމިއްލަ ދަނޑުގައި މޮޅެއް ނުހޯދި ނިންމާލި މެޗުގެ އަދަދުވަނީ 12 އަށް އަރާފައެވެ. މި ސީޒަންގައި ލީގުގައި އަދި ދެޓީމުން ކުރެ ޓީމަކަށް މޮޅެއް ހޯދިފައެއް ނުވެއެވެ.