ކުޅިވަރު

ވަޓްފޯޑް ބަލިކޮށް ލީގުގެ ތަވަލްގެ އެއްވަނައަށް ޓޮޓްނަމް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ވަޓްފޯޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ޓޮޓްނަމް އަރައިފިއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ޓޮޓްނަމްއިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 42 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ސޮން ހިއުންގ މިން ކާމިޔާބުކުރި ލަނޑެކެވެ. އޭނާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެއްވެސް ކުޅުންތެރިއެއްގެ ގައިގައި ނުޖެހި އަދި ކީޕަރަށް ވެސް އޮޅިފައިހުއްޓާ ފެނުނީ ގޯލަށް ބޯޅަ ވަން ތަނެވެ. ރޭގެ މެޗަކީ ސޮން ޕްރިމިއަރ ލީގުގައި ކުޅުނު 200 ވަނަ މެޗެވެ. ރޭގެ މެޗް ވެގެންދިޔައީ ލީގުގައި ހެރީ ކޭން މިސީޒަންގައި ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗަށެވެ. އަދި މެޗް ފެށުމުގެ ކުރިން ޓޮޓްނަމްގެ ސަޕޯޓަރުން ވަނީ ކޭންއަށް ހޫނު މަރްހަބާއެއް ކިޔާފައެވެ.

މިކާމިޔާބީއާއެކު އިންޓަރނޭޝަނަލް ބްރޭކަށް ދާއިރު ލީގުގެ އެއްވަނަ މަގާމް މިވަނީ ޓޮޓްނަމްއަށް ކަށަވަރުވެފައެވެ. ޓޮޓްނަމްގެ ކޯޗް ނޫނޯ އެސްޕިރިޓޯ ސަންޓޯ ވެފައިވަނީ އެޓީމާއި ހަވާލުވެ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗް ކާމިޔާބު ކުރެވުނު ދެވަނަ ކޯޗަށެވެ. މީގެކުރިން މިކަން ހާސިލް ކުރެވިފައިވަނީ 1949 ވަނަ އަހަރު އަރތަރ ރޯވް އަށެވެ. މިމެޗްގައި ވަޓްފޯޑަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވި ނަމަވެސް އެޓީމުންވެސް ވަނީ ދޭތެރެ ދޭތެރެއިން ޓޮޓްނަމްއަށް ނުރައްކާ ކޮށްފައެވެ.