ކުޅިވަރު

ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވަރހެމްޓަން ވޮންޑަރސް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ކުރީކޮޅު ވުލްވްސްއިން ވަނީ މޮޅު ކުޅުމެއް ދައްކާ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް މެޗްގެ ފުރަތަމަ 15 މިނެޓްގެ ތެރޭގައި ވުލްވްސްއިން ތަނަވަސްކުރިއެވެ. މިގޮތުން ރައުލް ހިމެނޭޒް ފޮނުވާލި ހަމަލާ ޑޭވިޑް ޑެހެއާ ދިފާއުކުރިއިރު ޓްރިންކާއޮ ފޮނުވާލި ހަމަލާ ގޯލަށް ވަދެވަދެ އޮއްވާ ސަލާމަތްކޮށްދިނީ އާރޮންއެވެ. އަދި ޖާއޮ މޮއުޓީނިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބެރަށެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޔުނައިޓެޑަށް ޖަހައިދިނީ މޭސަން ގްރީންވުޑްއެވެ. މިލަނޑު ޖެހުމުގެ ކުރިން ވުލްވްސްގެ ރުބެން ނަވާސައަށް ފައުލް ކޮށްފައިވާކަމަށް ވުލްވްސްއިން ޝަކުވާ ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ ލަނޑެއް ކަމަށް ނިންމާފައެވެ. މިމެޗަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް ގުޅެން އުޅޭކަން އެކްލަބުން ހާމަކުރިފަހުން ކުޅުނު ފުރަތަމަ މެޗްކަމުން ސަޕޯޓަރުން ވަނީ އެކަމުގެ އުފާވެސް ފާޅުކޮށް ރޮނާލްޑޯ އަށް މަރްހަބާކިޔާކަން ހާމަކޮށްފައެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވުލްވްސް އުޅެނީ ކުޅުނު ތިން މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކުމާއެކުވެސް އެއްލަނޑު ސުންލަނޑުން އެތިން މެޗުންވެސް ބަލިވެފައިވާތީ ޕޮއިންޓެއް ނުލިބިތާވަލްގެ 18 ވަނައަށް ވެއްޓިފައެވެ.