ޚަބަރު

ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވާނަމަ ތަހްޤީޤުކުރާނަން - ޖޭއެސްސީ


ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާނަމަ އެކަމެއް ބަލައި ތަޙްޤީޤުކުރާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ އޯޑިއޯތަކަކާ ހަވާލާދީ މީޑިއާގައި ފެތުރެމުންދާ ޚަބަރާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނެއްގައެވެ. ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުންނަކީ، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްސުބުން އެއްކިބާވެ، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއްކަމަށެވެ.

އެހެންކަމުން އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލައި ތަޙުޤީޤު ކުރާނެ ކަމެއް ކަމުގައެވެ.