ކުޅިވަރު

ސިޓީ އާއި އާސެނަލް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5 ލަނޑު ސުން ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެޓްގައި ޖަހައިދިނީ ސިޓީގެ ކެޕްޓަންކަން ރޭގެ މެޗްގައި ކުރަމުންދިޔަ އިލްކާއި ގުންޑޮގާންއެވެ. އަދި ދެވަނަ ލަނޑު އޭގެ ފަސް މިނެޓްފަހުން ޖަހައިދިނީ ފެރާން ޓޯރޭޒްއެވެ. މިމެޗްގައި ދެން ފެނިގެންދިޔައީ އާސެނަލްގެ މެދުތެރެއަށް ކުޅޭ ގްރަނީޓް ޒަކާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި ތަނެވެ. އެއް ކުޅުންތެރިއެއް މަދުވުމާއެކު އާސެނަލްއަށް މެޗްގައި އިތުރު މައްސަލަތަކާއި ކުރިމަތިވެގެން ދިޔައެވެ. ނަތީޖާއަކަށްވީ އެއް ކުޅުންތެރިއެއްގެ އެޑްވާންޓޭޖް ލިބުމާއެކު ސިޓީއިން އުފައްދަމުންދިޔަ ހަމަލާތަށް އިތުރުވުމެވެވެ. އަދި މިގޮތުން އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ގެބްރިއެލް ޖޭސޫސްއެވެ. މިމެޗްގައި ސިޓީގެ ހަތަރުވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ރޮޑްރީ ކާމިޔާބުކޮށްދިން އިރު ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ފެރާން ޓޯރޭޒްއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ ކުޅުނު ތިން މެޗުން 6 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލް އަށް މިއީ 1954 ވަނަ އަހަރަށްފަހު އެންމެ ދަށް ކޮށް ލީގެއް ފެށުން ފަހަރެވެ. މިހާތަނަށް އެޓީމު ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާއިރު މިހާތަނަށް ލަނޑެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.