ކުޅިވަރު

ޕްރިމިއަރ ލީގުގައި އެވަޓަން ބަލިނުވެ ކުރިޔަށް


އިނގިރޭސި ލީގުގައި އެވަޓަން މި ސީޒަންގެ ލީގުގައި ކުޅުނު ތިންމެޗުން ބަލިނުވެ ރެކޯޑް ދަމަހައްޓައިފިއެވެ. ރަފޭލް ބެނިޓޭޒްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ނުކުތް އެވަޓަން ވަނީ ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް އެއްމެޗު އެއްވަރުކޮށްފައެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އެވަޓަން ކުރިހޯދީ ބްރައިޓަންއާ ވާދަކޮށް 2-0 ލަނޑުންނެވެ. މެޗުގައި އެވަޓަންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑިމަރިޔާ ގްރޭ އާއި ކުލައިވެޓް ޑޮމިނިކް ލެވިންއެވެ. މިއީ މި ސީޒަންގައި ކުލެވެޓް ލެވިން ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި އިއްޔެ ކުލައިވެޓް ލެވިން ޖެހިލަނޑަކީ ޕެނެލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި ދެވަނަ ޕެނެލްޓީއެވެ. މިއީ 1983ގެ ފަހުން ބްރައިޓަންގެ ދަނޑުގައި އެވަޓަންއިން ހޯދި ފުރަތަމަ މޮޅެވެ.

މިމެޗުން ބަލިވުމާއެކު އެންމެ ފަހުން ކުޅުން ދެމެޗު ކާމިޔާބުކޮށް ބްރައިޓަން ދަމަހައްޓުމުން ދިޔަ މޮޅުވުމުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ. އެވަޓަން އިން ވަނީ ހުސްވި ސީޒަންގައި ވެސް ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ނުކުމެ ލީގުގެ ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ހުސްވި ސީޒަންގައި ޖެހިގެން އައި ހަތަރު މެޗު އެޓީމަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. އިއްޔެ އެވަޓަން ހޯދި މޮޅާއެކު އެޓީމު އޮތީ ލީގުގެ ހަތަރުވަނައިގައެވެ.