ޚަބަރު

ކާބުލްއަށް ދިން ބޮމުގެ ޙަމަލާގެ ރައްދުގައި އެމެރިކާގެ ވައިގެ ޙަމަލާތަކެއް


އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދުގައި ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުން ދިން ބޮމުގެ ޙަމަލާގެ ރައްދުގައި އެމެރިކާގެ އަސްކަރީ ފައުޖުތަކުން ވައިގެ ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ އައިއެސްގެ މަޤާމުތަކަށްކަމަށާއި އެ ޙަމަލާތަކުގައި ކާބުލްގެ ވައިގެ ބަނދަރު ހުންނަ ސަރަޙައްދުގައި ބޮމުގެ ޙަމަލާއެއް ދިނުމަށް ރޭވުމުގައި ޙަރަކާތްތެރިވި އެންމެ އިސް މީހާ މަރާލާފައިވާކަމަށެވެ. އަދި އެމެރިކާގެ ޙަމަލާތައް ދީފައިވަނީ ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ނަންގަހާރު ޕުރޮވިންސަށްކަމަށާއި އެ ޙަމަލާތަކުގައި ޢާންމުންގެ މީހަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް ނުލިބޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ބޮމުގެ ޙަމަލާގެ ރައްދުގައި އެމެރިކާއިން ވައިގެ ޙަމަލާތަކެއް ދީފައިވަނީ ބަދަލުހިފާނެކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ދެއްވިތާ އެއް ދުވަސްފަހުންނެވެ.

ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންނެއް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައިވަނިކޮށް ދިން ބޮމުގެ ޙަމަލާތަކުގައި 170އަށްވުރެ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ސިފައިންގެ 13 މީހުންވެސް ހިމެނެއެވެ. އެއީ 2011ވަނަ އަހަރުގެ ފަހުން އެއް ދުވަހެއްގެ މަތިން އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން އެންމެ ގިނަ ޢަދަދަކަށް މަރުވި ދުވަހެވެ. އެ ޙަމަލާތަކުގައި އިތުރު 240 މީހުންވަނީ ޒަޚަމުވެފައެވެ. ޠާލިބާނުން ބުނެފައިވާ ގޮތުގައި އެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ 28 މެންބަރުން މަރުވެފައިވާކަމަށެވެ.

އައިއެސުން އެ ޙަމަލާތައް ދީފައިވަނީ އެ ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާއެއް ދޭން މަސައްކަތްކުރާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމުގެ އިންޒާރު އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ދީފައިވަނިކޮށެވެ. އަދި އެ ޙަމަލާތައް ދީފައިވަނީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޢާންމުން ޖަމާނުވުމަށް ޠާލިބާނުންނާއި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ ބާރުތަކުން އިލްތިމާޞްކޮށްފައިވަނިކޮށެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި 111،000އަށްވުރެ ގިނަ މީހުންވަނީ އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ.

އަފްޣާނިސްތާނުން ސަލާމަތްތެރިކަމާއެކު ދާން ބޭނުންވާ މީހުން ޤައުމުން ބޭރަށް ގެންދިޔުމުގެ މަސައްކަތް އޮގަސްޓު 31ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. އޮގަސްޓު 31ވަނަ ދުވަހަކީ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން ނިންމާފައިވާ އެންމެ ފަހު ތާރީޚެވެ.