ކުޅިވަރު

ރޮނާލްޑޯ ގެންދިއުމަށް ޔުނައިޓެޑުން އެއްބަސްވުމަކަށް


އިޓަލިއަން ސެރީއާގެ ޔުވެންޓަސްއަށް ކުޅެމުންދާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ގެންދިއުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޔުނައިޓެޑުން ހާމަކޮށްފިއެވެ. އެކްލަބުން ހާމަކުރިގޮތުގައި ރޮނާލްޑޯ ގެންދިއުމަށް މިހާރު 12.8 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެވިފައިކަމަށެވެ.

ޔުނައިޓެޑުން ބުނީ މިހާރު ދެން އޮތީ ރޮނާލްޑޯގެ އަމިއްލަ ކަންތައްތަކަށް އެއްބަސްވުމަކަށް އައުމާއި ވިސާ ހަމަޖެއްސުމާއި މެޑިކަލް ހެދުން ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް ކުރިން ކުޅުނު އިރު 292 މެޗްގައި 118 ލަނޑު ޖަހައިދީފައެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިއުމުގެ ކަންތައްތައް ހަމަޖެހިގެން މިދިޔައީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއެކުއެވެ. މިގޮތުން އިއްޔެ އާއި ހަމައަށް ޔުނައިޓެޑްގެ ވާދަވެރި މެންޗެސްޓަރ ސިޓީއަށް ބަދަލުވާން ހުރިހާ ކަމެއް ނިންމަމުންދިޔަ ރޮނާލްޑޯގެ ވިސްނުން ބަދަލުވީ އިއްޔެގެ ވަގުތެއްގައި ޔުނައިޓެޑްގެ ކޯޗް އޮލޭގަނަރ ސޯލްޝެއާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްލަބް އަބަދުވެސް އެބައޮތްކަން ރޮނާލްޑޯއަށް އެނގޭނެކަމަށް ބުނި ހިސާބުންނެވެ. އަދި ބްރޫނޯ ފެނާންޑެޒް މިހާރުވެސް ދަނީ ރޮނާލްޑޯ އާއި މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކަމަށް ސޯލްޝެއާ ބުންޏެވެ. މާގިނަ އިރު ތަކެއް ނުވެ ސިޓީއިން ރޮނާލްޑޯ އެކްލަބަށް ގެންދިއުމަށް ދައްކަމުންދިޔަ ވާހަކަތައް ހުއްޓާލި ވާހަކަ ހާމަކުރިއިރު ޔުނައިޓެޑުން ވަނީ ރޮނާލްޑޯ އާއި އެކު އެކްލަބުން އެއްބަސްވުމަކަށް އާދެވިއްޖެކަން ހާމަކޮށްފައެވެ. މިއީ މިސީޒަނަށް ފޯވަޑެއް ގެނައުމަށް ސިޓީއިން ކޮށް ނާކާމިޔާބުވި ދެވަނަ ފަހަރެވެ. މީގެކުރިން ހެރީ ކޭން ގެންދިއުމަށްވެސް ސިޓީއިން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ރޮނާލްޑޯ ވާނީ މިސީޒަނަށް ޔުނައިޓެޑުން ސޮއިކުރާ ތިންވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ޔުނައިޓޭޑުން ވަނީ ޖޭޑަން ސަންޗޯ އާއި ރަފައެލް ވެރާން އެޓީމަށް ގެންގޮސްފައެވެ.