ކުޅިވަރު

ބިލީ ޖީން ކިންގ ކަޕްގެ ފައިނަލް ޕްރާގްގައި ބާއްވަނީ


ބިލީ ޖީން ކިންގ ކަޕް ކުރިން ބާއްވަން އޮތް ހަންގޭރިގެ ބުޑަޕެސްޓުން ވިތްޑްރޯ ކުރުމާއި ގުޅިގެން މިމުބާރާތް ޗެކް ރިޕަބްލިކްގެ ޕްރާގްގައި ބާއްވަން ނިންމައިފިއެވެ. މިގޮތުން މިފައިނަލް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެކަކުން ހަޔަކަށެވެ.

12 ޤައުމެއްގެ އަންހެން ޓެނިސް ކުޅުންތެރިން ވާދަކުރާ މިމުބާރާތް ވަނީ ކޯވިޑް-19ގެ ސަބަބުން ދެފަހަރެއްގެ މަތިން ފަސް ކޮށްފައެވެ. އަދި ހަންގޭރީ ޓެނިސް އެސޯސިއޭޝަނުން މިއަހަރުގެ އެޕްރީލްމަހު މިމުބާރާތް ބޭއްވެން ނެތް ކަން ހާމަކުރުމާ ގުޅިގެން އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ދިޔައީ މުބާރާތް ބާއްވާނެ ޤައުމެއް ހޯދަމުންނެވެ. ހަންގޭރީން މިމުބާރާތް ނުބޭއްވުމަށް ނިންމީ ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭނެކަމަށް ބުނެއެވެ.

މިމުބާރާތުގެ މެޗްތައް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ ޕްރާގްގެ އޯޓޫ އެރީނާގެ އިންޑޯ ހާޑް ކޯޓުގައެވެ. ކުރިން ފެޑް ކަޕްގެ ނަމުން މަޝްހޫރުވެފައިވި މިމުބާރާތުގެ ނަން ބިލީ ޖީން ކިންގ ކަޕަށް ބަދަލުކުރީ މިދިޔަ އަހަރުގެއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ 12 ޓީމަކީ ފަރަންސޭސިވިލާތް، ރަޝިޔާ، އޮސްޓްރޭލިއާ، ބެލާރުސް، ބެލްޖިއަމް، އެމެރިކާ، ސްޕެއިން، ސްލޮވާކިއާ، ޗެކް ރިޕަބްލިކް، ޖަރުމަނުވިލާތް، ސްވިޓްޒަލަންޑް އަދި ކެނެޑާއެވެ.