ކުޅިވަރު

ޔުއޭފާ ޔޫރޮޕާ ލީގުގެ ގުރުއަތުލުން


ޔުއޭފާ ޔޫރޮޕާ ލީގުގެ ގްރޫޕް މަރްހަލާގެ ގުރުއަތުލުން ބާއްވައިފިއެވެ. މިފަހަރުގެ ގުރުއަތުލުން ބާއްވާފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ. މިފަހަރުގެ ޔޫރޮޕާ ލީގުގެ މުބާރާތަށްވަނީ ބޮޑެތި ބަދަލުތަކެއް ޔުއޭފާއިން ގެނެސްފައެވެ.

މިގޮތުން އެންމެ ބޮޑު ބަދަލަކަށް ފާހަގަ ވެގެންދިޔައީ މުބާރާތުގެ ގްރޫޕް މަރްހަލާގައި ވާދަކުރެވޭ ޓީމްތަކުގެ އަދަދު 48 އިން 32 އަށް މަދު ކުރުމެވެ. އެއާއެކު މިފަހަރުގެ ގުރުލުމުގައި މި32 ޓީމު ވަނީ ހަތަރު ޓީމުގެ އަށް ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕްތައް ބަހާލާފައިވާގޮތުން ގްރޫޕް އޭގައި ހިމެނެނީ އޮލިމްޕިކް ލިއޯން، ރޭންޖަރސް، ސްޕާޓާ ޕްރާގް އަދި ބްރިންޑްބީއެވެ.

ގްރޫޕް ބީގައި ހިމެނެނީ އޭއެސް މޮނާކޯ، ޕީއެސްވީ އެއިންދުހޯވަން، ރެއާލް ސޮސިއެޑާޑް އަދި ސްޓަރމް ގްރާޒްއެވެ.

ގްރޫޕް ސީގައި ހިމެނެނީ ނަޕޯލީ، ލެސްޓަރ ސިޓީ، ސްޕާޓަކް މޮސްކޯ އަދި ލެގިއާ ވޯސޯއެވެ.
ގްރޫޕް ޑީގައި ހިމެނެނީ އޮލިމްޕިއާކޯސް، އެއިންޓްރަކްޓް ފްރޭންކްފަރޓް، ފެނަބާޗޭ އަދި ރޯޔަލް އޭންޓިވަރޕްއެވެ.

ގްރޫޕް އީ ގައި ހިމެނެނީ ލާޒިއޯ، ލޮކޮމޯޓިވް މޮސްކޯ، މާސޭ، އަދި ގަލަތަސަރާއިއެވެ.
ގްރޫޕް އެފް ގައި ހިމެނެނީ ބްރާގާ، ރެޑް ސްޓަރ ބަލްގްރޭޑް، ލުޑޮގޮރެޓްސް އަދި މިޑްޗަލަންޑްއެވެ.
ގްރޫޕް ޖީ ގައި ހިމެނެނީ ބަޔަރ ލެވަކޫސަން، ސެލްޓިކް، ރެއާލް ބެޓިސް އަދި ފެވެންކްވަރޯސްއެވެ.
އަދި ގްރޫޕް އެޗް ގައި ހިމެނެނީ ޑީނަމޯ ޒަގްރެބް، ގެންކް، ވެސްޓް ހޭމް ޔުނައިޓެޑް އަދި ރެޕިޑް ވިއެނާއެވެ.

މިމުބާރާތުގެ ގްރޫޕް މަރްހަލާގެ މެޗްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ގްރޫޕް މަރްހަލާގެ މެޗްތައް ނިމޭނީ 9 ޑިސެމްބަރ ގައެވެ. މިމުބާރާތަށް ދެން ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ދެވަނަ ބުރަށް ގެނައި ބަދަލެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެއްވަނައަށް ދާ އަށް ޓީމް އޮޓަމެޓިކުން ދެވަނަ ބުރަށް ދާއިރު ކޮންމެ ގްރޫޕަކުން ދެވަނައަށް ދާ ޓީމްތަކަށް ޖެހެނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރުހަލާގައި ކޮންމެ ގްރޫޕަކުން ތިންވަނައަށް ދާ ޓީމް ތަކާއި ޕްލޭ އޮފްގެ ދެމެޗް ކުޅޭށެވެ. އަދި ޔޫރޮޕާ ލީގުގެ ދެވަނަ ބުރަށް ދާނީ މިޕްލޭ އޮފުން މޮޅުވާ އަށް ޓީމެވެ. މިފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ސްޕެއިންގެ ސެވިއްޔާގެ ރޯމަން ސަންޗޭޒް ޕިޒްހުއާން ގައެވެ.