ކުޅިވަރު

ޔުއޭފާއިން ދޭ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވާރޑް ޖޯޖީނިއޯއަށް


ޔުއޭފާއިން ހޮވި 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ޗެލްސީއަށް ކުޅޭ އިޓަލީވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖޯޖީނިއޯ ހޮވިއްޖެއެވެ. ޖޮޖީނިއޯ މިމަގާމަށް ހޮވުނީ އޭނާ އާއި އެއް ކްލަބަކަށް ނިސްބަތްވާ ފަރަންސޭސިވިލާތުގެ އެންގޯލޯ ކާންޓޭ އާއި މެންޗެސްޓަރ ސިޓީއަށް ކުޅޭ ބެލްޖިއަމްގެ ކެވިން ޑި ބްރޫނޭ އާއި ވާދަކޮށެވެ.

މިނިމުނު ސީޒަންގައި ކްލަބަށާއި ޤައުމީ ޓީމަށް 56 ފަހަ ރު ކުޅެފައިވާ ޖޯޖީނިއޯވަނީ ޔުއޭފާ ޗެމްޕިއަންސް ލީގު ޗެލްސީ އާއި އެކު ކާމިޔާބު ކުރުމުގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕް އިޓަލީވިލާތާއެކު ކާމިޔާބުކޮށްފައެވެ. އަދި މިސީޒަން ފެށުމުގެ ގޮތުން ކުޅުނު ޔުއޭފާ ސުޕަރ ކަޕްގެ ތަށި އުފުލާލި ޗެލްސީ ޓީމްގައިވެސް އޭނާ ހިމެނިފައިވެއެވެ.

ނަމަވެސް ޔުއޭފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާރޑާމެދު ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ. މިއީ ކަމާމެދު މީހުން ސުވާލު އުފައްދާ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެފަރާތްތަކުން ހާމަކުރިގޮތުގައި ތަށި ކާމިޔާބު ކުރާ ޓީމެއްގައި ހިމެނުމަކީ މިއީނާމް ހައްޣުވާ ކަމެއްތޯ ސުވާލު އުފައްދާފައެވެ. މިގޮތުން ޖޯޖީނިއޯއަށް ބަލާލާއިރު ޔުއޭފާ ޗެމްޕިއަންސް ލިގު ޗެލްސީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އެންމެ މުހިންމު ޕެނަލްޓީ އޭނާ ކާމިޔާބު ކުރި ނަމަވެސް ޔޫރޯ 2020 ގައި އޭނާ ޖެހި އެންމެ މުހިންމު ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އަދި ޔުއޭފާ ސުޕަރ ކަޕްގައި ކުޅުނު ޗެލްސީ މެޗްގައިވެސް އޭނާ ކުޅެން އަރާފައިވަނީ ފަހު ހާފްގައެވެ. އަދި އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ ސީޒަން ނިންމާލީ ހަތަރު ވަނައިގާ އޮވެގެންނެވެ. ހަމައެއާއެކު އަހަރުގެ އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔަކަށް ކާންޓޭ ހޮވުނު އިރު އަހަރުގެ މޮޅު ކުޅުންތެރިޔާއަށް އޭނާ ކުޅޭ މަގާމުގެ އިނާމް ނުލިބުންވެސް މިއީ އެފަރާތްތަކުން ސުވާލު އުފެއްދި ކަމެކެވެ. ނަމަވެސް ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ އެންމެން އިންތިފާގުވާ ކުޅުންތެރިއެއްވެސް ނުހުންނާނެކަމެވެ.


އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ޗެލްސީއަށް ޗެމްޕިއަން ލީގުގެ ތަށި ހޯދާދިން ތޯމަސް ޓުޗެލްއެވެ. ނަމަވެސް މިއީވެސް އެންމެ ރަނގަޅު ނިންމުންތޯ ސުވާލު ފައްދާ ފަރާތްތަށް އެބަތިއްބެވެ. މިގޮތުން ސީޒަން ޕީއެސްޖީއާއެކު ފަށާ ރަނަގަޅު ކާމިޔާބީތަކެއް ނުލިބުމުގެ ސަބަބުން އެކްލަބުންވަނީ ޓުޗެލް މަގާމުން ވަކިކޮށްފައެވެ. އަދި ޗެލްސީއަށް އައިސް ރަނގަޅު ކާމިޔާބީއެއް ހޯދި ނަމަވެސް ލީގު ނިންމާލީ ހަތަރު ވަނައިގަ އޮވެގެންނެވެ. އަދި އެފްއޭ ކަޕްގައިވެސް ފައިނަލްގައި ވާދަކޮށް ވަނީ ބަލިވެފައެވެ. ދެން ހިމެނެނީ މިސީޒަން ފެށުމުގެ ގޮތުން ކުޅުނު ސުޕަރ ކަޕްގެ ތަށްޓެވެ. އަދި ޗެމްޕިއަންސް ލީގަށް ބަލާލާއިރުވެސް ޗެލްސީގެ ކޯޗް ފްރޭންކް ލެމްޕާޑްގެ ކޯޗްކަމުގެ ދަށުން ގްރޫޕް މަރްހަލާ އޮތީ ކާމިޔާބުކޮށްފައެވެ. ދެން ތިބި ކޯޗުން ތަށް ބަލާލާއިރު މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވަނީ ޕްރިމިއަރ ލީގުގެ އިތުރުން ކާލިންގ ކަޕް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ފުރަތަމަ ފަހަރަށް ގެންގޮސްދިނުމުގެ އިތުރުން އެފް އޭ ކަޕްގެ ސެމީ ފައިނަލްގައި ވާދަކޮށްފައެވެ. އިޓަލީވިލާތުގެ ކޯޗް ރޮބާޓޯ މަންޗީނީއަށް ބަލާލާއިރު އޭނާވަނީ އެންމެފަހުގެ ވާރލްޑް ކަޕަށް ކޮލިފައިނުވި އިޓަލީ ޓީމަށް ބަދަލުތަކެއް ގެނެސް މިފަހަރުގެ ޔޫރޯ 2020 ގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ގިނަ އަހަރު ތަކަކަށްފަހު ތަށި ކާމިޔާބުކޮށްދީފައެވެ.

ޔުއޭފާއިން ދިން އެހެން އެވާރޑްތަށް ކާމިޔާބުކުރި ކުޅުންތެރިންނަށް ބަލާލާއިރު އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަންހެން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެފްސީ ބާސެލޯނާގެ އެލެކްސިއާ ޕުޓެޔާސްއެވެ. އަދި އެންމެ މޮޅު އަންހެން ޓީމުގެ ކޯޗަކަށް ހޮވުނީ ބާރސާގެ ލުއިސް ކޯޓޭޒްއެވެ. ފިރިހެން އެންމެ މޮޅު ކޯޕަރަކަށް ޗެލްސީގެ އެޑުއާޑޯ މެންޑީ ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ސިޓީގެ ރުބެން ޑިއޭޒްއެވެ. އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ ބޮރޫޝިއާ ޑޮޓްމުންޑްގެ އަރލިންގ ބްރައުޓް ހާލަންޑެވެ. އަދި ޔުއޭފާ ޕްރެސިޑެންޑްސް އެވާރޑްވެސް ރޭގަ ބޭއްވި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ހަފްލާގައި ދިނުން އޮތެވެ. އަންހެން އެންމެ މޮޅު ކީޕަރަކަށް ބާރސާގެ ސަންޑްރާ ޕަނޯސް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޕީއެސްޖީގެ އައިރީން ޕަރެޑޭސްއެވެ. އަދި އެންމެ މޮޅު މިދްފީލްޑަރަކަށް ބާރސާގެ އެލެކްސިއާ ޕުޓެޔާސް ހޮވުނުއިރު އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ ބާރސާގެ ޖެނިފަރ ހަރމޯސޯއެވެ.