ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ބާއްވައިފި


2021-2022 ވަނަ އަހަރުގެ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ރޭގައި ބާއްވައިފިއެވެ. މިފަހަރުގެ ގުރުނެގުން ބާއްވާފައިވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ 32 ޓީމު ހަތަރު ޓީމްގެ 8 ގްރޫޕަށް ބަލާލިއިރު އެންމެ ފާހަގަ ކޮށްލެވޭ ކުރިމަތިލުމެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ފްރެންޗް ލީގް އާންގެ ޕެރިސް ސެއިންޓް ޖަރމެއިންގެ ކުރިމަތިލުމެވެ. ގްރޫޕް އޭއަށް ނިސްބަތްވާ މިދެޓީމްގެ ކުރިމަތިލުން ޚާއްސަވާ ގިނަ ގޮތްތަކެއް މިހާރުވެސް ގިނަ ފަރާތަކުން އަންނަނީ ހާމަކުރަމުންނެވެ. މިއީ މިމުބާރާތުގައ ޖެހިޖެހިގެން މިދެޓީމް ކުރިމަތިލާ ދެވަނަ މުބާރާތަށް ވާނެއެވެ. މިދިޔަ ސީޒަންގެ މުބާރާތުގެ ސެމީފައިނަލްގައި މިދެޓީމު ވާދަކުރިމެޗް 4 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކުރީ ސިޓީއެވެ. އަދި މިއީ ލައޮނެލް މެސީ އެފްސީ ބާރސެލޯނާ ދޫކޮށް ދިޔަފަހުން އެހެން ކްލަބަށް ކުޅެނިކޮށް އޭނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާއާއި ކުރިމަތިލާން ޖެހޭ ފުރަތަމަ ފަހަރަށް ވާނެކަމަށް ބެލެވެއެވެ. ހަމައެއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ސިޓީ އާއި ގުޅުވައިގެން މިހާރު ކިޔަމުންދާތީ އެކަން އެހެން ވެއްޖެނަމަ މިމެޗް އަނެއްކާ ވާނީ މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމަކަށް ކަމަށްވެސް ބުނާ ފަރާތްތައް ގިނައެވެ.

މިގްރޫޕްގައި ދެން ހިމެނެނީ ޖަރުމަނުވިލާތުގެ އާރްބީ ލިޕްޒިގާއި ބެލްޖިއަމްގެ ކްލަބް ބްރޫޖްއެވެ.
ނަމަވެސް މިފަހަރު އެންމެ ވަރުގަދަ ވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ގްރޫޕަކީ ގްރޫޕް ބީއެވެ. މިގްރޫޕްގައި ހިމެނެނީ ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑާއި އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަދި އިޓަލިއަން ސެރީއާގެ އޭސީ މިލާނެވެ. މިގޮތުން މިލާން އާއި ލިވަޕޫލަކީ މިމުބާރާތުގައި ވާދަވެރި ތާރީހެއް އޮތް ދެޓީމެވެ.

ގްރޫޕް ސީގައި ހިމެނެނީ ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަން އާއި ބުންޑަސްލީގާގެ ބޮރޫޝިއާ ޑޮޓްމުންޑާއި ނެދަލަންޑްސްގެ އަޔެކްސް އެމްސްޓަޑަމް އާއި ތުރުކީވިލާތުގެ ބެސިކްޓާސްއެވެ.

ގްރޫޕް ޑީ ގައި ހިމެނެނީ އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާނާއި ލަލީގާގެ ރެއާލް މެޑްރިޑާއި ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކް އަދި މޮލްޑޯވާގެ ޝެރިފް ޓިރަސްޕޯލްއެވެ.

ގްރޫޕް އީގައި ހިމެނެނީ ބުންޑަސްލީގާގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި ލަލީގާގެ ބާރސާ އާއި ޕޯޗުގަލްގެ ބެންފީކާ އަދި ޔޫކްރެއިންގެ އެފްސީ ޑީނަމޯ ކިޔެވްއެވެ.

ގްރޫޕް އެފް ގައި ހިމެނެނީ މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލް އާއި އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާއި ސެރީއާގެ އެޓަލާންޓާ އަދި ސްވިޓްޒަލަންޑްގެ ޔަންގް ބޯއިޒްއެވެ.

ގްރޫޕް ޖީގައި ހިމެނެނީ ފްރެންޗް ލީގް އާންގެ ޗެމްޕިއަން ލީލް އާއި ލަލީގާގެ ސެވިއްޔާ އާއި އޮސްޓްރިއާގެ އެފްސީ ސަލްޒްބަރގްއެވެ.

އަދި ގްރޫޕް އެޗް ގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ސެރީއާގެ ޔުވެންޓަސް އާއި ރަޝިޔާގެ ޒެނިތު ސެއިންޓް ޕީޓަރސްބަރގް އަދި ސްވިޑްންގެ މަލްމޯއެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ރަޝިޔާގެ ސެއިންޓް ޕީތަރސްބަރގް ސްޓޭޑިއަމްގައެވެ.