ޚަބަރު

ކާބުލްގެ ވައިގެ ބަނދަރަށް ދިން ބޮމުގެ ޙަމަލާތަކުގައި ގިނަ ޢަދަދެއް ބަޔަކު މަރުވެއްޖެ


އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ނުރައްކާތެރި ޙަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރުދީފައިވަނިކޮށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކައިރީގައި ބާރުގަދަ ބޮމުގެ ޙަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން ބުނެފައިވާ ގޮތުގައި ކައިރިކައިރީގައި ދިން ބޮމުގެ ޙަމަލާތަކުގައި 20އަށްވުރެ ގިނަ މީހުން މަރުވެ 60އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އެ ޢަދަދުތައް އެއަށްވުރެ އިތުރުވުން ވަރަށް ގާތެވެ. އެއީ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމާ ޠާލިބާނުން ޙަވާލުވިފަހުން އެ ޤައުމުގައި އެފަދަ ނުރައްކާތެރި ޙަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ. އެ ޙަމަލާތައް ދީފައިވަނީ އައިއެސް ޖަމާޢަތުން ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާއެއް ދޭން މަސައްކަތްކުރާކަމުގެ ޞައްޙަ މަޢުލޫމާތު ލިބިފައިވާކަމުގެ އިންޒާރު އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ދީފައިވަނިކޮށެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ. އަދި ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި 88،000އަށްވުރެ ގިނަ މީހުންވަނީ އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ. ބެލެވޭ ގޮތުގައި ކާބުލްގެ ވައިގެ ބަނދަރު ކައިރީގައި ބޮމުގެ ޙަމަލާތަކެއް ދީފައިވަނީ އަފްޣާނިސްތާނުން ބޭރަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ދިޔުން ހުއްޓުވުމަށެވެ. އެ ޙަމަލާތައް ދީފައިވަނީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޢާންމުން ޖަމާނުވުމަށް ޠާލިބާނުންނާއި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ ބާރުތަކުން އިލްތިމާޞްކޮށްފައިވަނިކޮށެވެ.

އޮގަސްޓު 31ވަނަ ދުވަހު އެމެރިކާއާއި ނޭޓޯގެ ހުރިހާ ފައުޖެއް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުން ބޭރަށް ޢާންމުން ގެންދިޔުމުގެ މަސައްކަތް ހުއްޓޭނެއެވެ. އެހެންކަމުން އެތައް ހާސް ރައްޔިތުންގެ ފުރާނައަށް ނުރައްކާވި ނަމަވެސް ކާބުލްގެ ވައިގެ ބަނދަރު ހުންނަ ސަރަޙައްދުން އެ މީހުން ދުރަށް ގޮސްފައެއް ނުވެއެވެ. ޠާލިބާނުން ބުނެފައިވަނީ އޮގަސްޓު 31ވަނަ ދުވަހުގެ ފަހުންވެސް އަފްޣާނިސްތާން ދޫކޮށްދާން ބޭނުންވާ މީހުން ލިޔެކުންތައް ހަމަކޮށްގެން ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ޤައުމުން ބޭރަށް ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.