ޚަބަރު

ޢަރަބި ޤައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިވަމުންދާކަމަށް ތުރުކީވިލާތުން ބުނެފި


ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ނުފޫޒުގަދަ ޤައުމުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއެކު އޮންނަ ގުޅުންތައް ބަދަހިވަމުންދާކަމަށް ތުރުކީވިލާތުން ބުނެފިއެވެ. ތުރުކީވިލާތުގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި އެ ޤައުމުން ދަނީ ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތުރުކީވިލާތާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުންތަކަށް އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ 2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސޫލޭޓުގައި އެ ޤައުމުގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީ މަރާލުމުންނެވެ. އަދި ތުރުކީވިލާތާއި މިޞްރާ ދެމެދު އޮންނަ ގުޅުންތައް ގޯސްވީ 2013ވަނަ އަހަރުގެ ތެރޭގައި މިޞްރުގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ޔޫއޭއީގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެފައިވަނީ ތުރުކީވިލާތާއި ޔޫއޭއީއާ ދެމެދު އޮންނަ ގުޅުންތައް ބަދަހިވަމުންދާކަމަށެވެ. އެ ދެ ޤައުމުގެ ގުޅުމަށް އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ.