ޚަބަރު

އެއް ދުވަހުގެ ތެރޭގައި 90 މަތިންދާބޯޓުގައި 19،000 މީހުން އަފްޣާނިސްތާނުން ބޭރަށް


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 19،000 މީހުން ސަލާމަތްތެރިކަމާއެކު އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ޢާންމުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ. އަދި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުގައި އެ ޤައުމުތަކުންވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހުޅަނގުގެ އަސްކަރީ ފައުޖުތަކާއެކު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެފައިވާ ސިފައިންނާއި އަސްކަރީ މުވައްޒަފުންނާއި ޚާރިޖީ މުވައްޒަފުންނާއި ބޭރުގެ ވިޔަފާރިވެރިންނާއި ހުޅަނގުގެ ފައުޖުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އަފްޣާނިސްތާނުގެ ރައްޔިތުންނާއި އެ މީހުންގެ ޢާއިލާތައް ހިމެނެއެވެ. އެއީ އެހާ ގިނަ ޢަދަދެއްގެ ބަޔަކު ވައިގެ މަގުން ޤައުމުން ބޭރަށް ގެންދިޔުމަށް ދުނިޔޭގެ ތާރީޚުގައިވެސް ކުރަމުންދާ އެންމެ ބޮޑު އަސްކަރީ ޙަރަކާތެވެ.

އެމެރިކާގެ ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 19،000 މީހުން ސަލާމަތްތެރިކަމާއެކު އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައިވާކަމަށާއި އެ މަސައްކަތަށް އެމެރިކާގެ 42 އަސްކަރީ މަތިންދާބޯޓާއި އެކުވެރި ޤައުމުތަކުގެ 48 އަސްކަރީ މަތިންދާބޯޓު ބޭނުންކޮށްފައިވާކަމަށެވެ. އަދި އޮގަސްޓު މަހުގެ 14ވަނަ ދުވަހުގެ ފަހުން 82،000އަށްވުރެ ގިނަ މީހުންވަނީ ސަލާމަތްތެރިކަމާއެކު އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޮގަސްޓު މަހުގެ 31ވަނަ ދުވަހު އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށްވަނީ ނިންމައިފައެވެ. އަދި އެ މުޙްލަތުގެ ނިޔަލަށް އަފްޣާނިސްތާނުން ބޭރަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު އޮންނާނެކަމަށް ހުޅަނގުގެ އަސްކަރީ ބާރުތަކުންވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގެ ވެރިކަންކުރާ ޠާލިބާނުން ބުނެފައިވަނީ ކާބުލްގެ ވައިގެ ބަނދަރު ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ޖަމާޢަތުން މަސައްކަތްކުރާކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ޠާލިބާނުންވަނީ ވައިގެ ބަނދަރު ހިމެނޭ ސަރަޙައްދުން ޢާންމުން ދިޔުމަށް އެކި ފަހަރުމަތިން އިލްތިމާޞްކޮށްފައެވެ. ޠާލިބާނުން ބުނެފައިވަނީ އޮގަސްޓު 31ވަނަ ދުވަހުގެ ފަހުންވެސް އަފްޣާނިސްތާން ދޫކޮށްދާން ބޭނުންވާ މީހުން ލިޔެކުންތައް ހަމަކޮށްގެން ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ޤައުމުން ބޭރަށް ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.